ރައީސް މުހައްމަދު ނަޝީދު

ޔާމީން މިނިވަންކުރާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު ޖަލުން ނެރެން މަސައްކަތް ކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަދެއްކެވީ ރައީސް ޔާމީނަށް ބޮޑު ތާއީދެއް އޮންނަ ފުވައްމުލަކު ސިޓީގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ 273 މީހުން އުޅޭއިރު ރައީސް ޔާމީން އެކަނި ހިިފާ ހައްޔަރުކޮށްގެން އަދަބު ދިނުމަކީ އިންސާފު ގާއިމުކުރުން ކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ.

"ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނާ ގުޅޭގޮތުން މިސަރުކާރުން އަމަލުކުރައްވާފައިވާ ގޮތް އެއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެޓުން ބައިވެރިވާ ބައިނައަލްއަގްވާމީ ބައްދަލުވުންތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލުމާ އެކު އެ މަސައްކަތަށް ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންވެސް ރާއްޖެ ގެންނަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ޑިމޮކްރެޓުން ބައިވެރިވާނެ ކަމުގައި ވިދާޅުވި އެވެ.

"ރައީސް ޔާމިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ނަޝީދު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންނަކީ ކުރިން އެމްޑީޕީގައި އުޅުނު މެންބަރުންނަށް ވާތީ ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން ކަމަކަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ވިދާޅުވީ ޑިމޮކްރެޓުން އަލުން އެމްޑީޕީއަށް ވޯޓުލާންޖެހޭ ފަދަ ކަމެއް ޕީޕީއެމްގެ މެންބަރުން ނުކުރުމަކީ އެމަނިިކުފާނު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރެއްވުމުގައި ރައީސް ސޯލިހްގެ އެއްވެސް ތަސައްވުރެއް އޮތް ކަމަށް ފެންނަން ނެތް ކަމަށެވެ. މީގެކުރިން ރާއްޖޭގެ ރަށްތަކުގެ ޖުމްލަ އަދަދު ރައީސް ސޯލިހަށް އޮޅިވަޑައިގެން ގޯސްކޮށް ވިދާޅުވެފައިވާތީ އެކަމަށް މަލާމާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ރާއްޖޭގެ ރަށްތައް ހިތުން އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިސަރުކާރަށް ތާއީދު އޮތް ރަށަކަށް މިފަހުން އެމަނިކުފާނަށް ވަޑައިނުގެންނެވޭ ކަމަށެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންނަށް މިއަދު އެންމެ ރަނގަޅު ގޮތަކީ ރައީސް ސޯލިހް ވެރިކަމުން ފައިބައިވަޑައިގަތުން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވަނީ މި އިންތިހާބަށްފަހުގައި ގާނޫނުއަސާސީ ބަދަލުކުރައްވައި ތިމަންނާ މުޅި އުމުރަށް ވެރިކަމުގައި ހުންނާނަމޭ ބުނެދާނެތީ،" ނަޝީދު ވިދާޅުވި އެވެ.