ފިނިޕޭޖް

ނެޓްފްލިކްސް އިން "ސްޕައި ކިޑްސް" ރީބޫޓްކުރަނީ

ނެޓްފްލިކްސް އިން "ސްޕައި ކިޑްސް" ރީބޫޓްކުރަން ނިންމައިފި އެވެ.

ރޮބަޓް ރޮޑްރިގޭޒްގެ "ސްޕައި ކިޑްސް" ފްރެންޗައިޒްގެ ރީބޫޓް، "ސްޕައި ކިޑްސް: އާމަގެޑަން"ގެ ޓީޒާ މިހާރު ނެރެފައިވާއިރު މި ފިލްމުން ފެނިގެންދާނީ އާ ކެރެކްޓާތަކެކެވެ.

"ސްޕައި ކިޑްސް: އާމަގެޑަން" ގައިވެސް ފެންނާނީ ސްޕައި ދެމަފިރިންގެ ދެ ކުދިންނަށް އެ ކުދިންގެ މައިންބަފައިންނަކީ ސްޕައިންކަން އެގި، މަންމަ އާއި ބައްޕަގެ މިޝަންގައި އެހީތެރިވެދޭ / ސަލާމަތްކުރާ ތަނެވެ.

އެގޮތުން ސްޕައި ދެމަފިރިންގެ ރޯލް އަދާކުރަނީ "ޖޭން ދަ ވާޖިން"ގެ ޖީނާ ރޮޑްރިގޭޒް އާއި "ޝަޒާމް"ގެ ޒެކަރީ ލީވައި އެވެ. އަދި މިދެމަފިރިންގެ ދަރިންގެ ރޯލް އަދާކުރަނީ ކުޑަ އާ ދެ އެކްޓަރުން ކަމުގައިވާ ކޮނޯ އެސްޓާސަން އާއި އެވާލީ ކާގަނިއްޔާ އެވެ.

މީގެ އިތުރުން ކާސްޓްގައި ބިލީ މެގްނަސަން އާއި ޑީޖޭ ކޮޓްރޯނާ އާއި ފެބިއޯލާ އަންޑުޖާ ހިމެނެ އެވެ.

ރޮބަޓް ރޮޑްރިގޭޒް ވަނީ މީގެ ކުރިން ހަތަރު "ސްޕައި ކިޑްސް" ފިލްމް ލިޔެ، ޑައިރެކްޓްކޮށްފަ އެވެ. މީގެ ތެރެއިން 2001 އާއި 2003އާ ދެމެދު ރިލީޒްކުރި ތިން ފިލްމްގައި ސްޕައި މައިންބަފައިންގެ ރޯލް އަދާކޮށްފައިވަނީ އެންޓޯނިއޯ ބެންޑޭރާސް އާއި ކާލާ ގުޖީނޯ އެވެ. އަދި ސްޕައި ކިޑްސްގެ ރޯލް އަދާކުރީ އެލެކްސާ ޕެނަ-ވޭގާ އާއި ޑެރީލް ސަބާރާ އެވެ.

2011 ގައި ނެރުނު ހަތަރު ވަނަ ފިލްމްގައި އެލެކްސާ ޕެނަ-ވޭގާ އާއި ޑެރީލް ސަބާރާ ފެނިގެންދިޔަސް، ލީޑް ރޯލް ކުޅެފައިވަނީ ޖެސިކާ އަލްބާ، ޖޮއެލް މެކްހޭލް، ރޯވަން ބްލަންޗާޑް އާއި މޭސަން ކުކް އެވެ. މި ފިލްމުގައި ޖެސިކާ އަކީ އެލެކްސާ ޕެނަ-ވޭގާ އާއި ޑެރީލް ސަބާރާގެ ކެރެކްޓާގެ މަންމަ ފަރާތު ބޮޑުދައިތަ އެވެ.

"ސްޕައި ކިޑްސް: އާމަގެޑަން" ރިލީޒްކުރާނީ ސެޕްޓެމްބަރު 22 ގައެވެ.