ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ގައުމުގައި އޮތް ޑިމޮކްރަސީ ފުނޑާލައިފި: ރައީސް ވަހީދު

ބަޔަކު އެތައް ގުރުބާނީއެއް ވެގެން ގެނައި ޑިމޮމްރަސީގެ އުސޫލުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ފުނޑާލާފައި" ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގެ އަޮތުމުން ކޯޓު ކުރިމަތީގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ވަހީދު ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތައް ވާދަކުރެވޭ ގޮތަށް އިންތިހާބުތައް ބޭއްވުމަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ޖާގަ ދީފައިވީ ނަމަވެސް މިއަދު މިސަރުކާރުގައި ފެނިގެންދަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ.

"މިތަނުން [ސުޕްރީމް ކޯޓުގައި] މިވަގުތު ކަރަންޓް ނެތުން މިއީ އިއްތިފާގެއް ނޫން. ފަނޑިޔާރުންނަށްވެސް ބިރު ދައްކައިގެން ކަންކަން ކުރާން އުޅޭ ތަން ފެނިގެން މިދަނީ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަބައެއްގެ މަސައްކަތުން ގެނައި ޑިމޮކްރަސީ ފުނޑާލުން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން މާޔޫސްވެވަޑައިނުގަތުމަށްވެސް ރައީސް ވަހީދު އިލްތިމާސް ކުރެއްވި އެވެ. އޭގެފަހުގައި ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ރައީސް ވަހީދު ވަނީ ރައްޔިތުން ރުޅިނޭރުވުމަށްވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ. އެހެންނޫނީ އަނިޔާވެރިިކަމާއި ބޭއިންސާފާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރައީސް ވަހީދު ވިދާޅުވީ "ސުޕްރީމް ކޯޓުން މިއަދު ނިންމާނީ ރަނގަޅަށް" ކަމަށާއި ރައީސް ޔާމީން ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ޕީޕީއެމްގެ އަދި ޕީއެންސީގެ ލީޑަޝިޕްގެ އިސް ހުރިހާ ބޭފުޅުން އެބަތިއްބެވި އެވެ. އަދި އެ ދެ ޕާޓީގެ އާންމު މެންބަރުންވެސް އެ ސަރަހައްދުގައި އެއްވެ އެބަތިއްބެވެ.