ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ދަތުރުކުރަން ފަށައިފި

ހއ. ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ދަތުރުކުރަން ފަށައިފި އެވެ.

ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ރޭގަނޑުގެ ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ފްލައިޓެއް ރޭ ވަނީ ހޯރަފުށި އެއާޕޯޓަށް ޖައްސާފަ އެވެ.

ހޯރަފުށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒްވީ ހޯރަފުށްޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމަކީ އެ ސަރަހައްދުގެ އިގްތިސާދަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ. އާރްއޭސީއެލްގެ ހިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރުމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ހޯރަފުށި އެއާޕޯޓް ހުޅުވުމާ އެކު އެ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް ފެށުމާ އެކު އަނެއްކާވެސް އެއާޕޯޓުގެ ތެރެއިން އިތުރު ފުރުސަތުތައް ހޯރަފުށި ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ހޯރފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށިގެން ދިއުމަކީ ރައްޔިތުންނަށް ކުރިން ދަތިވެފައި އޮތް އެތައް ކަމަކަށް އިތުރު ލުއިތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 19، 2020 ގަ އެވެ. ރޭގަނޑުގެ ދަތުރުތައް ފެށުމާ އެކު މި އެއާޕޯޓުގެ އޮޕަރޭޝަންތައް 24 ގަޑިއިރަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އާރްއޭސީއެލް އިން ހިންގާ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓަށް މިހާރުވެސް ރޭގަނޑު ދަތުރުތައް ކުރެ އެވެ. މާވަރުލު އެއާޕޯޓަށް ވެސް ރޭގަނޑުގެ ދަތުރުތައް ފެށުމަށް އާރްއޭސީއެލް އިން ދަނީ ތައްޔާރުވަމުންނެވެ.