ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ރަނިންމޭޓަކަށް މެންބަރު ހުސައިން

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފި އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވައި ކެންޑިޑެސީ ފޯމު ހުށަހެޅުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް ބޭފުޅަކު ހަމަޖެއްސެވި ނަމަވެސް އަދިވެސް އުއްމީދުކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވާދަކުރެވޭނެ ކަމަށް ކަމަށެވެ.

"އަޅުގަނޑުގެ ދުއާ އަކީ ހަތެއް އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާން ނުޖެހުން،" މުއިއްޒު ވިދާޅުވި އެވެ.

ހުސައިންއާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އޭނާ އަކީ ޒުވާން، ތައުލީމީ، ގާބިލް ހިދްމަތްތެރިއެއް ކަމަށެވެ. ހުސައިން މަޖިލީހުގައި މިހާރު ފުރުއްވަމުން ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ.

މުއިއްޒުގެ ރަނިންމޭޓެއް އިއުލާންކުރައްވާފައި މިވަނީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައިވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނެ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ރެއިން ފެށިގެން ވިދާޅުވަމުން ގެންދަވަނިކޮށެވެ. ނަމަވެސް މުއިއްޒު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހަމަޖެއްސީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ބެކަޕް ކެންޑިޑޭޓުގެ ގޮތުގައި ކަމަށް ޕީއެންސީއާއި ޕީޕީއެމްގެ އިސް ބޭފުޅުން އެ ދުވަހު ވިދާޅުވެފައިވެ އެވެ.