ރާއްޖެ ކުޅިވަރު

ރާއްޖެއާ ދެކޮޅަށް ކުޅޭ ނޭޕާލް ޓީމު ޗެމްޕިއަންކަން ހޯދައިފިނަމަ ޕެންޝަން ދޭން ނިންމައިފި

ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުގައި މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނަ ނޭޕާލްގެ ފުޓްބޯޅަ ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިނަމަ ކުޅުންތެރިންނަށް އުމުރު ދުވަހަށް ޕެންޝަން ދޭން ނިންމައިފި އެވެ.

ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ މި ފަހަރުގެ ގޭމްސްގެ ރަންމެޑަލް ހޯދައިފިނަމަ ފުޓްބޯޅަ ޓީމަށް ޕެންޝަންދޭނީ މަހަކު 5000 ރުޕީސްގެ މަގުން ކަމަށެވެ.

އަދި ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ އެހެން ކުޅިވަރުތަކުން ރަންމެޑަލް ހޯދާ ކޮންމެ އެތްލީޓަކަށް ޕެންޝަނުގެ ގޮތުގައި 2500 ރުޕީސް ދޭންވެސް ވަނީ ނިންމައިފި އެވެ.

މީގެ އިތުރުން ނިންމާފައިވަނީ ފުޓްބޯޅަ ޓީމު އޭޝިއަން ގޭމްސްގެ ޗެމްޕިއަންކަން ހޯދައިފިނަމަ ޕެންޝަން ފައިސާ 15000 ރުޕީސް އަށް ބަދަލު ކުރުމަށެވެ.

ނޭޕާލްގެ 23 އަހަރުން ދަށުގެ ޓީމު ގޭމްސްގެ ސެމީ ފައިނަލަށް ދިޔައީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖެ ސެމީ އަށް ދިޔައީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ކުޅިވަރު މުބާރާތްތަކުން ކުޅުންތެރިން ހޯދާ ވަނަތަކަށް އިނާމްދިނުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ދިވެހި ސަރުކާރުން ވެސް ވަނީ ނިންމައިފަ އެވެ. މި ގޮތުން ނިންމާފައިވަނީ އިންޑިވިޖުއަލް އިވެންޓަކުން ކުޅުންތެރިއަކު ރަންމެޑަލް ހޯދައިފިނަމަ އިނާމަކަށް 250000ރ. އަދި ރިހިމެޑަލް ހޯދައިފިނަމަ 100000ރ. ދިނުމަށެވެ. އަދި ތިން ވަނަ ހޯދައިފިނަމަ އިނާމަކަށް ދޭން ނިންމާފައިވަނީ 20000ރ. އެވެ.

ޓީމް އިވެންޓަކުން އެއްވަނަ ހޯދައިފިނަމަ ދޭން ނިންމާފައިވަނީ ކޮންމެ ކުޅުންތެރިންނަށް 35،000ރ. އެވެ. ރިހި މެޑަލް ހޯދި ޓީމްތަކުގެ ކޮންމެ ކުޅުންތެރިޔަކަށް 25،000ރ. އަދި ލޯ މެޑަލް ކުޅުންތެރިންނަށް 15،000ރ. އެވެ.

ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މި ނިންމެވުން މިދިޔަ އޮގަސްޓްމަހު އިއުލާންކޮށް ދެއްވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި އެތުލީޓުންނާއި ކުޅުންތެރިންނާއި އޮފިޝަލުން މާލެ އައުމުން ރައީސް ޔާމީން ދެންނެވި މަރުހަބާއަށްފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ.