ފިނިޕޭޖް

ހިލަރީ ސްވޭންކްގެ "ދަ ގުޑް މަދާ"ގެ ޓްރޭލާ ދައްކާލައިފި

އެކަޑަމީ އެވޯޑް ލިބިފައިވާ ހިލަރީ ސްވޭންކްގެ ފިލްމް "ދަ ގުޑް މަދާ"ގެ ޓްރޭލާ ނެރެފި އެވެ.

ހިލަރީ އެންމެ ފަހުން ކުޅެފައިވާ ފިލްމް "ދަ ބޮސްޓަން ސްޓްރޭންގްލާ" އާއި އެއްފަދައިން، ދަ ގުޑް މަދާގައިވެސް ހިލަރީ އަދާކުރަނީ ޖާނަލިސްޓެއްގެ ރޯލެވެ.

މައިލްސް ޔޮރިސް-ޕޭރަފިޓް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕްލޮޓަށް ބަލާއިރު، ޖާނަލިސްޓް މަރިސާ ބެނިންގްސް (ހިލަރީ)ގެ ދަރިފުޅު މައިކަލްގެ މަރަށްފަހު، އޭނާގެ މާބަނޑުވެފައިވާ ލޯބިވެރިޔާ ޕޭޖްގެ އެހީތެރިކަމާއެކު މައިކަލްގެ ގާތިލުން ހޯދަން މަރިސާ މަސައްކަތް ކުރެ އެވެ.

ޕޭޖް ބުނާ ގޮތުގައި މައިކަލް މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިފައިވީއިރު، އޭނާ މަރުވި ރޭގައި ގޮތްނޭނގޭ ޒާތުގެ ކޯލަކާއި 50،000 ޑޮލަރުގެ އަގުހުރި ހެރޮއިން ގެއަށް އައެވެ. މައިކަލްގެ ގާތިލް ހޯދުމަށް މަރިސާގެ ޕޮލިހުގައި މަސައްކަތްކުރާ ދަރިފުޅުގެ އެހީވެސް ހޯދަ އެވެ.

މި ފިލްމްގެ ކާސްޓްގައި ހިލަރީގެ އިތުރުން އޮލީވިއާ ކުކް، ޖެކް ރޭނާ، ހޮޕާ ޕެން، ޑިލޮން އަދި ނޯމް ލުވިސް ހިމެނެ އެވެ.

ދަ ގުޑް މަދާގެ ސްކްރިޕްޓް ލިޔެފައިވަނީ މައިލްސް ޔޮރިސް-ޕޭރަފިޓް އާއި މެޑިސަން ހެރިސަން އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު އެއްވަނަ ދުވަހު އެެވެ.