ފިނިޕޭޖް

ގިނަ ތަރިންތަކެއް ސެގް-އާފްޓްރާއަށް ފައިސާގެ އެހީ ދީފި

ޑްވޭން "ދަ ރޮކް" ޖޯންސަން އެކޭ އެއްފަދައިން، ގިނަ އަދަދެއްގެ ތަރިން ފައިސާގެ ދީލަތި އެހީ ސްކްރީން އެކްޓާސް ގިލްޑް އެންޑް އެމެރިކަން ފެޑެރޭޝަން އޮފް ރޭޑިއޯ އާޓިސްޓްސް (ސެގް – އަފްޓްރާ) އަށް ދީފި އެވެ.

މިގޮތުން ސެގް-އާފްޓްރާގެ އެމަޖެންސީ ފައިނޭންޝަލް އެސިސްޓަންސް ފަންޑަށް އެއް މިލިއަން ޑޮލަރުގެ އެހީ ވެފައިވާ ތަރިންގެ ތެރޭގައި މެޓް ޑޭމަންގެ ދެމަފިރިން، ޖޯޖް ކްލޫނީ އާއި އަންހެނުން އާމާލް ކްލޫނީ، ލިއޮނާޑޯ ޑިކެޕްރިއޯ، މެރީލް ސްޓްރީޕް، ރަޔާން ރެނޯލްޑްސް އާއި އަންހެނުން ބްލޭކް ލައިވްލީ، ހިއު ޖެކްމަން އާއި އަންހެނުން ޑެބްރާ ލީ-ފާނެސް، ނިކޯލް ކިޑްމަން، ބެން އެފްލެކް އާއި އަންހެނުން ޖެނިފާ ލޮޕޭޒް، ޖޫލިއާ ރޮބަޓްސް، އާނޯލްޑް ޝްވަޒެނޭގާ އަދި އޯޕްރާ ވިންފްރީ ހިމެނެ އެވެ.

ޑްވޭން "ދަ ރޮކް" ޖޯންސަން ދީފައިވާ އެހީގެ އަދަދު ހާމަކޮށްފައިނުވާއިރު، އެ އަދަދަކީ ވަރަށް ދީލަތި (އަދި މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު އަދަދު) ހަތް ނަމްބަރުގެ އަދަދެއް ކަމުގައި ސެގް-އާފްޓްރާއިން ހާމަކޮށްފައިވެ އެވެ.

ސެގް-އާފްޓްރާގެ ރައީސް ކޯޓްނީ ބީ ވާންސް މިދިޔަ ބުދަ ދުވަހު ބުނީ އޭ-ލިސްޓްގެ (ފިލްމް ކުޅެގެން އެންމެ ގިނަ ފައިސާ ލިބޭ މަތީ ދަރަޖައިގެ އެކްޓަރުން) ދީލަތި އެހީއާ އެކު އެމަޖެންސީ ފަންޑަށް 15 މިލިއަން ޑޮލަރު ލިބިއްޖެ ކަމަށެވެ.

އެހީދިން ފަރާތްތަކަށް ޝުކުރު އަދާކުރަމުން ވާންސް ބުނީ ޑްވޭންގެ ދީލަތި އެހީއިން ފެށި އެހީގެ ކެމްޕޭނަށް ތަރުހީބު ލިބެމުންދާ ކަމަށާއި، ޑްވޭން އާއި ޖެހިގެން އެ ގިލްޑްގައި ބޮޑު ދައުރެއް އަދާކުރާ މެރީލް ސްޓްރީޕް އާއި ޖޯޖް ކްލޫނީގެ އެހީ ފާހަގަކުރި އެވެ.

ހޮލީވުޑްގެ ލިޔުންތެރިންނާ އެކު ފިލްމީ ތަރިންގެ އިހްތިޖާޖު ކުރިއަށްދާ ދުވަސްވަރު، ބައެއް ފަރާތްތަކަށް އާމްދަނީ ނުލިބުމުން މާލީ ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ، އެކަން ފާހަގަކޮށް އެހީވުމަށް އެދި ކޯޓްނީ ބީ. ވާންސް އާއި ސިޑް ވިލްސަން ވަނީ އެ ގިލްޑްގެ އޭންމެ މަތީ އާމްދަނީ ލިބެމުންދާ އޭ-ލިސްޓްގެ 2،700 މެންބަރުން ކިބައިން އެދިފަ އެވެ.

ސެގް-އާފްޓްރާގެ މެންބަރުންގެ އަދަދަކީ 160،000 އެވެ.