ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަމަޖައްސަން ނިންމައިފި އެވެ.

ޖޭޕީގެ އިސް ބޭފުޅަކު މިރޭ އަވަސްއަށް އެކަން ޔަގީންކޮށްދެއްވި އެވެ. އަދި މާދަމާގެ ވަގުތެއްގައި ޖޭޕީން ރަސްމީކޮށް އެކަން އިއުލާން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި ރައީސް ވަހީދުއާ އެކު ސިޔާސީ ގޮތުން ތަޖުރިބާ ހުރި ބައެއް ބޭފުޅުން ޖޭޕީއަށް ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެ އެވެ.

ރައީސް ވަހީދު މިވަގުތު ހުންނެވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.

ރައީސް ވަހީދުގެ ކުށުގެ ރެކޯޑް ސާފުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން މިއަދު އަވަސްއަށް ޔަގީންކޮށްދެއްވާފައިވެ އެވެ.

ރައީސް ވަހީދުގެ ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައި މިވަނީ ދަ ޑިމޮކްރެޓްސް އިން ޖުމްހޫރީ ޕާޓީއާ ގުޅިގެން ރިޔާސީ އިންތިހާބުގައި ކުރިއަށް ދިއުމުގެ މަޝްވަރާތަކެއް ވެސް އަލުން ފެށިފައިވާ ވަގުތެއްގަ އެވެ. ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނަކީ ރައީސް ވަހީދަށް މީގެކުރިން ވަރަށް ޒާތީ ފާޑު ވިދާޅުވެފައިވާ ބޭފުޅުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން ސިޔާސީ ގޮތުން އެއްވެސް ބާރުވެރިކަމެއް ނެތި އުދަނގޫ ހާލަތެއްގައި ހުންނަވައިގެން ރައީސް ވަހީދު ވަނީ ވެރިކަމުގެ އެ ދައުރުގެ ބާކީ ބައި ފުރިހަމަކުރައްވާފަ އެވެ.