މުހައްމަދު ނާޒިމް

ނާޒިމުގެ ވައުދު: 75،000 ވަޒީފާއާއި 15،000 ވިޔަފާރިވެރިން އުފެއްދުން

ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ ރާއްޖޭގެ މުއްސަނދިކަން މަދު ބައެއްގެވ މުށުގެ ތެރޭގައި އޮތުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ނާޒިމުގެ ރަނިންމޭޓް އިއުލާންކުރުމަށް މިރޭ ބިލަބޮންގް ސްކޫލުގައި ބޭއްވި ޖަލްސާގައި ނާޒިމު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ މަދު ބައެއްގެ މުށު ތެރޭގައި ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމެއްގައި އެކަމަށް ނިމުން ގެނެސް، ރާއްޖޭގެ މުއްސަނދިކަން ހުރިހާ ދިވެހިންނަށް ބެހިގެންދާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ރާއްޖޭގައި ބޮލަކަށް 1،200 ޑޮލަރު ލިބޭ ކަމަށް ބުނާއިރު ދިވެހިން ދިރިއުޅޭ ތަން ފެނިގެންދަނީ ވަރަށް ދަތިހާލުގައި ކަމަށެވެ. އެގޮތުން ވިދާޅުވީ ސިއްހީ ހިދުމަތް ހޯދަންޖެހެނީ އާސަންދައިގައި ސަލާންޖަހައިގެން ކަމަށާއި ގޯއްޗެއް ހަދަންޖެހެނީ ބޭންކްގައި އާދޭސްކޮށްގެން ކަމަށެވެ. އަދި ފޯނެއް ގަނެފިއްޔާ އުޅެންޖެހެނީ ޓެލެކޮމްގެ ހިދުމަތްދޭ ކުންފުނިތަކަށް ދަރައިގެން ކަމަށާއި ފިހާރައަކުން އެއްޗެއް ގަނެފިއްޔާ ޖެހެނީ އެ ފިހާރައަކަށް ދަރައިގެން އުޅެން ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކިޔަވައިފިއްޔާ އޮންނަނީ ދައުލަތަށް ދަރާފައި ކަމަށާއި އެއީ މިއަދު ދިވެހިން ދިރިއުޅެން ޖެހިފައިވާ ހާލު ކަމުގައި ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުން ވަރަށް ގިނައިން ޕޯޑިއަމްތަކުގައި ވިދާޅުވޭ މަސްތުވާތަކެތީގެ ވަބާއޭ ޒުވާނުންނަށް އޮތް އެންމެ ބޮޑު ވަބާއަކީ ނުވަތަ ހަލާކަކީ. އެކަމަކު އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން އެއީ ދިވެހިރާއްޖެއަށް އޮތް އެންމެ ވަބާ ކަމަކަށް. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ވަބާއެއް ކަމަށް އަޅުގަނޑު މިއަދު ގަބޫލުކުރާ ހިތް އޮތީ ދިވެހި މުއްސަނދި ކަމުގެ ފައިދާ ދިވެހިންނަށް ހަމައަށް ނުލިބޭ ކަން. ދިވެހި މުއްސަނދިކަމުގެ ފައިދާ ދިވެހިންނަށް ނުލިބޭ ކަމަށްވަންޏާ އެއަށްވުރެ ބޮޑު ވަބާއެއް އަޅުގަނޑުމެންނަކަށެއް ނޯންނާނެ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދު މުއްސަނދިންތަކެއް އުޅެނީ ދިވެހިން ފިއްތާ އަޅުވެތިކޮށްގެން ކަމަށާއި ނަމަވެސް އެއީ އޭނާ ގަބޫލުކުރައްވާ އިންސާނީ އުސޫލެއް ނޫން ކަމަށެވެ. ދިވެހިންނަށް ހައްގު މިންވަރަކީ ދިވެހިރާއްޖެއަށް ލިބޭ އެއްޗެއް ހުރިހާ ދިވެހިންނަށް ހަމަހަމައަށް ލިބި އުފަލާއި ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ގޮތެއްވުން ކަމުގައިވެސް ވިދާޅުވި އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި މަހުޖަނުންނަށް އަމާޒުކުރައްވާ ނާޒިމު ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތައް ވިއްކައިގެން ލިބޭ އާމްދަނީ ވަކިބައެއްގެ ޖީބަށް ދިއުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ހަމަ ޔަގީންކަން އަރުވަން އޮތީ ދިވެހިރާއްޖޭގެ ޓެކްސް ނިޒާމަށް ބޮޑު ބަދަލެއް ގެންނާނަމޭ. ޓެކްސް ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ފަގީރުންނާއި މުއްސަނދިންގެ ފަރަގު އަޅުގަނޑުމެން ކުޑަކުރާނަން. އަދި ޓެކްސްއަށް ގެންނަ ބަދަލާ އެކު މުއްސަނދިންގެ އަތުން ނެގޭ ފައިސާއާ އެކު ދިވެހިންގެ ޖީބަށް ވަންނަ އެއްޗެއް އަޅުގަނޑުމެން ބޮޑުކޮށްދޭނަން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވަނީ މިމަހުގެ ފަހުކޮޅު އޭނާގެ އިގްތިސާދީ ސިޔާސަތު ތަފްސީލްކޮށް ހާމަކުރައްވާނެ ކަމަށް ވިދާޅުވެ ބައެއް މުހިއްމު ކަންކަން ހާމަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ އިގްތިސާދު ދެގުނަކޮށް މާލެއާ އެކު ފަސް އާބަން ސެންޓަރު ހަދާނެ ކަމަށެވެ. އަދި އިގްތިސާދު ޑައިވަސިފަކޮށް އަލަށް 75،000 ވަޒީފާ އުފައްދަވައި، 15،000 ވިޔަފާރިވެރިން އުފައްދަވާނެ ކަމަށް ވައުދުވި އެވެ. ވަޒީފާތަކުގެ 30 ޕަސަންޓް އަންހެނުންނަށް ހާއްސަކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. މަސްވެރިންނާއި ދަނޑުވެރިންނަށްވެސް ނާޒިމު ވައުދުވީ އެމީހުން ކުރާ މަސައްކަތުގެ ހައްގު ނަފާ އެމީހުންގެ ޖީބަށް ވަންނާނެ ގޮތް ހަދައިދިނުމަށެވެ.

"މިކަންކަން ހާސިލްވީމާ ﷲގެ އިރާދަފުޅާ އެކު ތިބޭފުޅުން ތިބޭނީ އުފާފާގަތިކަމާ އެކީގައި ސަލާމާތްތެރިކަމާ އެކީގައި ތިބޭފުޅުންނަށް ދެވޭނީ އުޖާލާ ރަންޒަމާނަކަށް،" ނާޒިމު ވިދާޅުވި އެވެ.