ސްކޫލް

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

Aug 6, 2023

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވާއިރު މާލެ ސަރަހައްދުގައި މުޅިން އަލަށް ތިން ސްކޫލެއް ވަނީ ހުޅުވާލާފަ އެވެ. އެއީ ސީއެޗްއެސްއީ އާ އިމާރާތާއި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަދި ސަލާހުއްދީން ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ދިރާސީ އަހަރުގެ ކިޔެވުން ފެށީ 84،000 ދަރިވަރުންނާއެކު އެވެ. އެގޮތުން ސަރުކާރުގެ 216 ސްކޫލެއްގައި 73،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި އޭގެ ތެރެއިން 25،000 އަށްވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރު ގްރޭޑް 1 ގައި 7،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަން ފަށާފައިވާ ކަމަށާއި އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް 2،491 ދަރިވަރުން އެންރޯލް ކުރެވިފައިވާ ކަމަށެވެ.

ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ސިޔާސަތާއި އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނެ އެވެ. މީގެ އިތުރުން ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސެޓްލައިޓް ސްކޫލް ނިޒާމަށް ކިޔަވައިދޭ ސްކޫލްތައް

  • ވ. ތިނަދޫ ސްކޫލް
  • ރަކީދޫ ސްކޫލް
  • ފެހެންދޫ ސްކޫލް
  • ފުޅަދޫ ސްކޫލް
  • ކޮނޑޭ ސްކޫލް
  • ދިއްދޫ ސްކޫލް

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެ މިނިސްޓްރީ އާއި ސްކޫލްތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ދިރާސީ އަހަރަށް ސްކޫލުތަކަށް ބޭނުންވާ މުދައްރިސުން ހަމަވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ގޮތުން މި އަހަރު ސަރުކާރު ސްކޫލުތަކުގައި ދިވެހި 6،516 މުދައްރިސުންނާއި 1،843 ބިދޭސީ މުވައްޒަފުން މަސައްކަތްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.