ޑރ. އައިޝަތު އަލީ

ތަރުބިއްޔަތާ ނުލައި ދެވޭ ތައުލީމުގެ ބޭނުމެއް ނެތް: އައިޝަތު އަލީ

ތަރުބިއްޔަތާ ނުލައި ދެވޭ ތައުލީމަކީ، ފޫނެތްފަޔަށް ފެންފުރުން ފަދަ ކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު މިއަދު ފެށުމާ ގުޅިގެން މިނިސްޓަރު އައިޝަތު އަލީ ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ގައުމީ މަންހަޖުގެ ތަސައްވުރަކީ ކޮންމެ ދަރިވަރަކީ ވެސް ދިރިއުޅުމަށް ތައްޔާރު ވެފައިވާ، ހަރުދަނާ، ޒިންމާދާރު ކުއްޖަކަށް ހެދުން ކަމަށެވެ. ނަމަވެސް މިކަން ހާސިލް ކުރުމަށްޓަކައި ރާއްޖޭގެ ތައުލީމީ ބިނާ އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށާއި އަދި އެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި މިނސްޓްރީން ކުރަމުން ދިޔަ މަސަތްކަތް ކާމިޔާބުވެ ރާއްޖޭގެ ތައުލީމީ ނިޒާމް މިއަދު އިތުރަށް ހަރުދަނާ ވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ތައުލީމީ ނިޒާމު ކުރިއެރުވުމަށް ކުރެވުނު މަސަތްކަތްތަކުގައި އެޑިޔުކޭޝަން މިނިސްޓްރީން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިރުޝާދުގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިސްކަންދީ އެކުދިންނަށް ބޭނުންވާ ކަންކަމަށް މިދިޔަ ދުވަސްތަކުގައި ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެކަމުގެ ތާސީރު، ޖީލުތަކަށް ލިބިގެންދާނެ. އެކަމުގެ ރާހަތު ދަރިދަރިކޮޅަށް ފޯރައިގެންދާނެ. އެކަމުގެ އަސަރު މި ދިވެހި މުޖަތަމައުން ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު އަލީ ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތުކުރުމުގެ މަސަތްކަތް ކުރަމުން އަންނަ މުދައްރިސުންނަކީ މުޖުތަމައުގައި ހިތްހަމަޖެހިގެން، ދަރިވަރުންނާއި މުޖުތަމައުގެ ގަދަރާއި، އިހްތިރާމު ލިބިގެން މަސަތްކަތްކުރާ ބަޔަކަށް ހެދުމަށްވެސް މަސަައްކަތް ކުރާ ކަމަށެވެ. އަދި ހެޔޮގޮތުގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަށްޓަކައި މުދައްރިސުން ފާގަތި، ތަނަވަސް، އުފާވެރި ދިރިއުޅުމެއް އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވވެ.

"ތިޔަ ހިތްމަތްތެރި މުދައްރިސުންގެ ކަންކަން، މުސާރަ ބޮޑުކޮށްލާފައި، ނިންމާލާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން" ޓީޗަރުންގެ ދިރިއުޅުމުގެ ފެންވަރާއި މުޖަތަމައުގައި ޓީޗަރުންނަށް ލިބިފައިވާ މަގާމާއި މެދު ވާހަކަފު ޅުދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުމުގެ މަގުސަދަކީ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސްއޫލިއްޔަތަކީ އެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަމާއި ހުނަރާއި، މަސަތްކަތުގެ އަހްލާގު ކަށަވަރުކުރުމަށްޓަކައި ދެވިގެންދާ ލައިސަންސަކަށް ހެދުން ކަމަށެވެ.

ދަރިވަރުންގެ މައިންބަފައިންނާ މުހާތަބްކުރައްވާ މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އަމަލުތަކުގެ ޒިންމާ އެކުދިން އުފުލަންޖެހޭނެކަން އެކުދިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެކުދިންނަށް ގަނާކުރުމުގެ ހައްގު ލިބިގެން ނުވާ ކަމަށާއި ކޮންމެ ކުއްޖަކީވެސް ނަފްސުގެ ހުރުމަތް ލިބިގެންވާ ކުއްޖެއް ދަރިވަރުންނަށް ދަސްކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"ޒިންމާދާރު، މަސްއޫލިއްޔަތު އަދާކުރާ، ދުނިޔެއަށް ލޯ ހުޅުވިފައިވާ ބަޔަކަށް އަޅުގަނޑުމެންގެ ލޮލުގެ ކޮއެފަދަ ދަރީން ވާނީ، އެކުދިންނަށް ޒިންމާ އުފުލަން ދަސްކޮށްދީގެން. މަސްއޫލިއްޔަތު ހަވާލުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އިސް ރޯލެއް އަދާކުރާ ކަމަށެވެ. އަދި ތަރުބިއްޔަތު ދިނުމުގައި ދަރިވަރުންނަށް ރިވެތި ނަމޫނާއަކަށް އެންމެންވެސް ވުމަށް އެދިވަޑައިގެންނެވި އެވެ.