ސްކޫލް ޗުއްޓީ

އަހަރު ނިންމާލައި ދަރިވަރުން ޗުއްޓީ ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން ނިމި ޗުއްޓީ ފަށާ ދުވަހަކީ ހުރިހާ ދަރިވަރުންނާއި އާއިލާތައް އެންމެ އިންތިޒާރު ކުރާނެ އެއް ދުވަހެވެ. ޗުއްޓީއަށް ދާނެ ތަންތަނާއި ކުރާނެ ކަންކަން އޮންނަނީ ކުރީއްސުރެ ޕްލޭން ކޮށް ނިމިފަ އެވެ. މިއަދު ވަނީ މިއަހަރުގެ ދިރާސީ އަހަރު ނިންމާލައި ދަރިވަރުން ދޮޅު މަސް ދުވަހުގެ ޗުއްޓީ ފަށާފަ އެވެ. ޗުއްޓީ ފެށުމާއެކު އަތޮޅުތަކަށް ދަތުރު ކުރުމާއި އަތޮޅުތަކުން މާލެ ދަތުރު ކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުންފަދަ ދަތުރާއި ގުޅިފައިވާ ކަންކަން ވެސް ވަނީ ފެށިފަ އެވެ.

ޗުއްޓީއާއެކު މިއަދުން ފެށިގެން ދިމަ ދިމާއަށް މީހުން ފުރަން ފަށާފައިވާއިރު މާލެއިން އަތޮޅުތަކަށް ކަނޑުމަގުން ދަތުރުކުރާ މީހުނާއ އަތޮޅުތަކުން މަލެއަށް ދަތުރު ކުރާ މީހުންގެ ރައްކާތެރި ކަމަށް ސިފައިން ވަނީ އުޅަނދުތައް ބަލާ ފާސް ކުރުުމުގެ ހާއްސަ އޮޕްރޭޝަނެއް "ނިޔާމަ" އިގެ ނަމުގައި ފަށާފަ އެވެ.

މިއީ ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކޮށް ހުރިހާ އުޅަނދުތަކެއް ދަތުރު ކުރަނީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ހިންގާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އުޅަނދު ފަހަރުގައި ޕަސިންޖަރުން އުފުލަން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލާތޯ އާއި ސަލާމަތީ ސެޓްފިކެޓްގައި ބަޔާން ކޮށްފައި ހުންނަ ކަންކަން ފުރިހަމަތޯ ކޯސްޓްގާޑުން ބަލާނެ އެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ސެޓްތައް ޗެކް ކުރުމާއި ކެޕްޓަން އަތުގައި ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންތައްތައް ފުރިހަމަތޯ ބެލުން ހިމެނެ އެވެ.

ޗުއްޓީގައި ދިމަ ދިމާއަށް ފުރާއިރު ކޮންމެ އަހަރެއްގައި ވެސް ވައްކަމާ ފޭރުމުގެ މައްސަލަތައް ދިމާވެ އެވެ. އެހެން ކަމުން މިއަދު ފެށި ޗުއްޓީއާއެކު އަމިއްލަ ގެދޮރުގެ ސަލަމާތާއި ރައްކާތެރި ކަމަށް ފިޔަވަޅުތައް އަޅަފައި ޗުއްޓީއަށް ދިއުމަށް ވެސް ފުލުުހުން އެދެ އެވެ.

ފުލުހުންގެ ކްރައިމް ޕްރިއެންޝަން އެންޑް ޕަބްލިކް އެފެއާޒުން ބުނެފައިވާ ގޮތުގައި ސްކޫލު ޗުއްޓީއަށް ދިޔުމުގެ ކުރިން ޗުއްޓީއަށް ދާ ތަންތަނުގެ މައުލޫމާތު ރަނގަޅަށް އޮޅުން ފިލުވައި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުން ވެސް މުހިންމެވެ. ވައްކަން ކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި ދާއިރު ފައިސާ ނުބެހެއްޓުމާއި ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރަން ސަލާމުވާން ޖެހެ އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދޮޅު މަހުގެ ޗުއްޓީ އަށް ދިޔައިރު އާ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 12 ވަނަ ދުވަހު އެވެ. މިއަހަރުގެ ދިރާސީ އާ އަހަރު ފެށީ ޖުމްލަ 73،035 ދަރިވަރުންނާއެކު އެވެ. އެޑިއުކޭޝަނުން ބުނީ މި އަހަރު ފެށުނު އިރު، ސްކޫލްތަކުގައި 9،800 މުދައްރިއްސުން ހަރަކާތްތެރިވި އެވެ.

މީގެތެރެއިން 7،900 މުދައްރިސުންނަކީ ދިވެހި މުދައްރިސުން ކަމަށާއި ބިދޭސީ މުދައްރިއްސުންގެ ގޮތުގައި މިއަހަރު ރާއްޖޭގެ ސްކޫލްތަކުގައި ހަރަކާތްތެރިވީ 1900 މުދައްރިސުންނެވެ. ސްކޫލްތައް މިއަދު ބަންދުވި އިރު މިއަހަރަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތަށް ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސިފަ ކުރައްވާފަ އެވެ.