ރެހެންދި ސްކޫލު

ރެހެންދީގައި އަލިފާން ރޯވުމުން ކިޔެވުން މެދުކަނޑާލައިފި

ހުޅުމާލޭ ހުންނަ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ކިޔެވުން މެދުކަނޑާލުމަށްފަހު ދަރިވަރުން ގެއަށް ފޮނުވާލައިފި އެވެ.

އެމްއެންޑީއެފްއާއި ފުލުހުން ވެސް ބުނީ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށާއި ނަމަވެސް ސަލާމަތީ ފަރާތްތަކުން ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށްވެސް އަދި އެއްވެސް ދަރިވަރަކަށް ވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ނިއްވާލީ ހެނދުނު 7:19 ހާއިރު ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އަދި ސްކޫލުގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ރެހެންދި ސްކޫލުގެ ބައެއް ބެލެނިވެރިން ބުނީ އަލިފާން ރޯވީ ސްކޫލު އިމާރާތުގެ ތެރޭގައި ބަހައްޓާފައި ހުރި ޑީބޯޑެއްގައި ކަމަށެވެ.

ހާދިސާ ހިނގި ވަގުތަކީ ސްކޫލުގެ ހެނދުނުގެ ދަންފަޅިއަށް ކުދިން ސްކޫލަށް ހާޒިރުވަމުން ދިޔަ ވަގުތު ކަމަށާއި އަލިފާނުގެ ހާދިސާ ހިނގިއިރު ސްކޫލު އަދި ރަނގަޅަށް ނުފެށޭ ކަމަށެވެ.

"ޑަސްޓްގައި ލިފްޓާ އެހާ ދުރު ނޫން ހިސާބެއްގައި މިހުންނަނީ ޑީބޯޑް ބަހައްޓާފައި. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ޑީބޯޑަށް ކޮށްފައިވޭ،" ބެލެނިވެރިޔަކުން ބުންޏެވެ.

އިތުރު ބެލެނިވެރިޔަކު ބުނީ އަލިފާނުގެ މިހާދިސާއާ ގުޅިގެން ސްކޫލުގައި ކަރަންޓު ނެތުމުން ހެނދުނުގެ ދަންފަޅި ކުރިއަށް ނުގެންދެވޭނެ ކަމަށް ސްކޫލުން އަންގާފައިވާ ކަމަށެވެ. މެންދުރުފަހުގެ ސެޝަނާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށާއި ކަރަންޓް ނުލިބޭނަމަ މެންދުރުފަހު ވެސް ކިޔެވުން ނުފެށޭނެ ކަމަށް ސްކޫލުން ބުނާ ކަމަށްވެސް ބެލެނިވެރިޔާ ބުންޏެވެ.

"ސްޓެލްކޯއާއި އެމްއެންޑީއެފް އަދި ޕޮލިސްގެ ބޭފުޅުން ސްކޫލުގައި އެބައުޅޭ. މި ހާދިސާ މިހެން ހިނގުމަކީ ހަގީގަތުގައި ރަނގަޅު ކަމެއް ނޫން،" ބެލެނިވެރިޔާ ބުންޏެވެ.

ރެހެންދި ސްކޫލުގައި އަލިފާން ރޯވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.