މޯލްޑިވްސް ޕޮލިސް ސާވިސް

ގާޒީ ސްކޫލު ޓީޗަރުގެ ބަންދަށް ފަސް ދުވަސް

Aug 25, 2022
1

ދަރިވަރަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވޭ ގާޒީ ސްކޫލުގެ ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

އުމުރުން 29 އަހަރުގެ ޓީޗަރަށް ކުރެވޭ ތުހުމަތާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އަންގާރަ ދުވަހުގެ ރޭ އޭނާ ގެންދިޔައީ ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަޔަކު އެމީހާ ހިފަހައްޓާ، ފަލީހަތްކޮށް އަނިޔާކުރަމުން ދަނިކޮށެވެ.

އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލްމީޑިއާގައި އެ ވީޑިއޯ ވަނީ އާންމުކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު ބަޔަކު އޭނާ އަށް އަނިޔާކުރީ އޭނާ ޓިއުޝަން ނަގައިދޭ ކުޑަކުއްޖަކަށް ފޯނުން ބަދުއަހްލާގީ މަންޒަރު ދައްކުވައިދޭ ވީޑިއޯ ދެއްކުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ވީޑިއޯ އާންމުވުމާ އެކު ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ހަމަލާދީ މާރާމާރީ ހިންގާނަމަ އެފަދަ އަމަލު ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.