ޑރ. އައިޝަތު އަލީ

ދިރާސީ އަހަރު ފެށުން އޯގަސްޓަށް

ސްކޫލްތަކުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގައި ވެސް ދެން ފަށާނީ އެ އަހަރެއްގެ އޯގަސްޓް މަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅު ވެއްޖެ އެވެ.

އެކެޑެމިކް ކަލަންޑަރާ ގުޅުންހުރި މައުލޫމާތުތައް ހިއްސާ ކުރަން މިއަދު އެކަމަނާގެ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވިދާޅުވީ، އޯގަސްޓު މަހުގައި ފުރަތަމަ ޓާމްގެ ކިޔެވުން ފަށާއިރު ބޮޑު ޗުއްޓީ ލިބޭނީ ޖޫން ފަހުކޮޅުގައި ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި ޑިސެމްބަރު ފަހުކޮޅުގައި ދެ ހަފްތާ ނުވަތަ ތިން ހަފްތާ ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.

މި ބަދަލާއި އެކީ އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނު ދެން އޮންނާނީ މޭ / ޖޫން ގަ އެވެ. ކުރިން އޮކްޓޯބަރު / ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު އޮންނާތީ އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް އެ ދެމެދުގައި ގާތްގަނޑަކަށް ހައެއްކަ މަސް ހޭދަ ކުރަން ޖެހެ އެވެ. މިހާރު އޮތްގޮތުން އެ ދެމެދުގައި ދިގު މުއްދަތެއް ހޭދަކުރަން ނުޖެހޭނެ ކަމަށް އައިޝަތު އަލީ ވިދާޅުވެ އެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް އޮތް ފައިދާތަކަކީ ކޮބައިތޯ މިނިސްޓްރީން ބަލައި ދިރާސާ ކޮށްފައިވާނެ ކަމަށާއި އެ ގޮތުން ބައިނަލްއަގްވާމީ ފަރާތްތަކުން ލިބޭ ފުރުސަތުތައް ދަރިވަރުންނަށް އިތުރުވެގެން ދާނެ ކަމަށާއި، މިހާރު އެކެޑެމިކް ކަލަންޑަރު އެކުލަވައިލާފައި ވާނީ އެތަންތަނުގެ ކަލަންޑަރާ އެއްގޮތަކަށް ކަމަށެވެ.

އަދި ވިދާޅުވީ މަސައްކަތްތެރިކަމުގެ ތެރެއަށް ކުދިން އަހުލުވެރި ކުރުވުމަށާއި ކުދިންނަށް އެކި އިންޑަސްޓްރީތަކުގައި އިންޓާންޝިޕްތައް ހޯދަން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެކެޑެމިކް ކަލަންޑަރަށް މި ބަދަލުތައް ގެނައީ އޭގެ އަސަރު ކުރާނެ ފަރާތަކާއި ވާހަކަ ދެއްކެވުމަށްފަހުގައި ކަމަށާއި، މިކަމާއި ގުޅިގެން ސާވޭއަކާއި ދިރާސާއެއް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކެޑެމިކް ކަލަންޑަރާއި އެކީ އެކްޓިވިޓީ ކަލަންޑަރު ވެސް ބަދަލުވާނެ އެވެ.