ފިނިޕޭޖް

އޫމާ ތާމަން އާއި ދަރިފުޅު އެއް ފިލްމެއްގައި

އެކްޓްރަސް އޫމާ ތާމަން، ދަރިފުޅު މާޔާ ހޯކްއާ އެކު ޑާކް ކޮމެޑީ ތްރިލާ ފިލްމެއް ކުޅެފި އެވެ.

މި ދެމައިން ފެނިގެންދާނީ ޝައުޓް ސްޓީޑިއޯޒްގެ "ދަ ކިލް ރޫމް" އިންނެވެ. މި ފިލްމްގެ ޓްރޭލާ މިހާރު ވަނީ ނެރެފަ އެވެ.

ނިކޯލް ޕެއޯނޭ ޑައިރެކްޓްކޮށް، ޖޮނަތަން ޖޭކަބްސަން ލިޔެފައިވާ މި ފިލްމުގެ ޓްރޭލާއިން ފެންނަނީ ފައިސާއަށް މީހުން މަރާ ރެޖީ ޕިޓް، އޭނާގެ ބޮސް ގޯޑަން ޑޭވިސް، އެމީހުންނަށް ލިބޭ ކަޅު ފައިސާ ލޯންޑާ ކުރުމަށް އާޓް ޑީލާ ޕެޓްރިލް ކެޕުލޯއާ ގުޅޭ މަންޒަރެވެ. އަދި "ދަ ބޭގްމޭން"ގެ ނަމުގައި ރެޖީ ކުލަ އުނގުޅާފައި ނިންމާ ކުރެހުންތައް އަވަން-ގާޑް ސްޓައިލްގެ މާ މޮޅު ކުރެހުންތަކެއް ކަމުގައި މީހުންތައް ބަލައިގަނެ، މައްސަލަތައް ކުރިމަތިވާން ފަށާ މަންޒަރު ވެސް ފެނެ އެވެ.

"ދަ ކިލް ރޫމް"ގެ މައި ކާސްޓްގެ ތެރޭގައި ޖޯ މެންގަނޭލޯ އާއި ސެމިއުލް އެލް ޖެކްސަން ވެސް ހިމެނޭއިރު، އިތުރު ކާސްޓްގައި ޑެބީ މަޒާރް، ލެރީ ޕައިން، ލީވް މޯގަން، ޑްރީ ހެމިންގްވޭ އަދި މެތިއު މޭހާ ހިމެނެ އެވެ.

އޫމާ އާއި ސެމިއުލް އެލް ޖެކްސަން މީގެ ކުރިން ކުއެންޓިން ޓެރެންޓީނޯގެ 1994 ގެ ފިލްމް "ޕަލްޕް ފިކްޝަން"، 2003 ގެ ފިލްމް "ކިލް ބިލް: ވޮލިއުމް 1" އާއި 2004 ގެ "ކިލް ބިލް: ވޮލިއުމް 2" އަދި މި ދެ ފިލްމް އެއްކޮށްފައިވާ ފިލްމުން އެކުގައި ފެނިފައިވެ އެވެ.

"ދަ ކިލް ރޫމް" ސިނަމާތަކަށް ރިލީޒްކުރާނީ އަންނަ މަހު 28 ގައެވެ.