ފިނިޕޭޖް

"ބާބީ"އަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު

ވޯނާ ބްރަދާސް އިން "ބާބީ"ގެ ލައިވް އެކްޝަން ފިލްމް ރިލީޒްކުރިތާ ތިން ވަރަކަށް ހަފްތާވެގެން ދިޔައިރު އެކި ރިކޯޑްތައް ހޯދަމުން އެބަދެ އެވެ. އެގޮތުން މި ފިލްމު މިހާރު ވަނީ މުޅި ދުނިޔޭގެ ބޮކްސް އޮފީހުގައި 1.03 ބިލައަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.

ވޯނާ ބްރަދާސްއިން މި ހަބަރު އެ ސްޓޫޑިއޯގައި "ބާބިލިއަން އެންޑް ކައުންޓިން"ގައި ޖަހާފައި ވެއެވެ.

މިއީ އަންހެން ޑައިރެކްޓަރެއްގެ ފިލްމެއް މުޅި ދުނިޔޭގެ ބޮކްސް އޮފީހުގައި 1.03 ބިލައަން ޑޮލަރުގެ ލައިން ހުރަސްކުރި ފުރަތަމަ ފަހަރެވެ.

މި ފިލްމްގެ ޑައިރެކްޓަރު ގްރޭޓާ ގާވިގް އަކީ "ލޭޑީ ބާޑް" (ބެސްޓް ޑައިރެކްޓާ، ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ) އަދި "ލިޓްލް ވިމެން" (ބެސްޓް އެޑެޕްޓިވް ސްކްރީންޕްލޭ) އަށް އެކަޑަމީ އެވޯޑް ނޮމިނޭޝަން ލިބިފައިވާ ޑައިރެކްޓަރެކެވެ.

މި ފިލްމް ވަނީ ޗައިނާގައި ވެސް ބޮޑު އާމްދަނީއެއް ހޯދާފަ އެވެ. ޗައިނާއަކީ އުތުރު އެމެރިކާއަށްފަހު އެންމެ ބޮޑު މާކެޓެވެ.

ހޮލީވުޑްގެ ފިލްމްތަކުން ޗައިނާގައި ބޮޑަށް ހިނގަނީ "ޓްރާންސްފޯމާސް"، "ފާސްޓް އެންޑް ފިއުރިއަސް" އެކްޝަން ފްރެންޗައިޒް ފިލްމްތަކާއި މާވެލްގެ ސުޕާހީރޯ ފިލްމުތަކެވެ.

އުތުރު އެމެރިކާގެ އޯޑިއަންސް ތެރޭގައި ބާބީ ބުދާ ކުޑައިރުގެ ހަނދާންތައް ގުޅިފައިވާ މީހުން ވަރަށް ގިނަ އިރު، ޗައިނާގެ އޯޑިއަންސް ތެރޭގައި ބާބީއާ އެކު މިފަދަ އިމޯޝަނަލް ގުޅުމެއްވާ މީހުން ނިސްބަތުން މަދެވެ. ނަމަވެސް މި ފިލްމަށް ޗައިނާގެ އަންހެނުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑެވެ.

ޗައިނާގެ ސަގާފަތުގައި ޑޮމިނޭޓްކުރަނީ ބޮޑަށް ފިރިހެނުން ކަމުން، ފިލްމުތަކުގައިވެސް އަންހެނުން ސިފަކޮށްފައި ހުންނަނީ ގިނަ ފަރަހަށް ފިރިހުންނާ އަޅާބަލާއިރު ދަށް ބައެއްގެ ގޮތުގައެވެ. އަންހެނުން ބާރުވެރި ކުރުން ޕްރޮމޯޓްކުރާ "ބާބީ" އަށް އަންހެނުންގެ ފަރާތުން ޗައިނާގެ ވީބޯ ޕްލެޓްފޯމްގައި "ބާބީ" އަށް ތައުރީފް ލިބިފައިވެ އެވެ.

"ބާބީ" އަކީ ވަރުގަދަ މާކެޓިން ކެމްޕޭނެއްވެސް ހިންގަމުންދާ ފިލްމެކެވެ. މި ފިލްމް ރިލީޒްކުރުމުގެ ކުރިން ފެށި މި ކެމްޕޭންގައި އެކި ކުންފުނިތަކާއެކު ގުޅިގެން މާޗަންޑައިސް އާއި ޕްރޮޑަކްޓްސް ހެދުމުގެ އިތުރުން، އޭގެ ސަބަބުން އިންޓަނެޓާއި ސޯޝަލް މީޑިއާގައި މިހާރުވެސް ގިނައިން ފެންނަނީ ބަބްލްގަމް ޕިންކް ކުލަ އެވެ.