ފިނިޕޭޖް

"ޑްރީމް ސިނާރިއޯ"އަށް ނިކޮލަސް ކޭޖްގެ ސިފަ ބަދަލުކޮށްފި

އޭ24ގެ ކޮމެޑީ ފިލްމް "ޑްރީމް ސިނާރިއޯ" އަށް ނިކޮލަސް ކޭޖްގެ ސިފަ ބަދަލުކޮށްފި އެވެ.

ކްރިސްޓޮފާ ބޯޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ "ފަސްޓް ލުކް" ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ދައްކާލާފައިވާއިރު އޭގެން ފެންނަނީ ނިކޮލަސް ތުނބުޅިއެއް ލާފައި ތަންކޮޅެއް ފަލަކޮށް، ބަނޑަކާއި ތަލައެއް ލާފައި ހުއްޓަ އެވެ. އަދި ހުތުރުކޮށް ހެދުން އެޅުމުގެ އިތުރުން ނިކޮލަސް ހުރީ އައިނެއް ވެސް އަޅާފަ އެވެ.

މިއީ އޭނާގެ އާންމު ސިފައާ ވަރަށް ތަފާތު ގޮތެކެވެ.

ނިކޮލަސް މި ފިލްމުގައި ކުޅެނީ ނާކާމިޔާބު ޕްރޮފެސާއެއްގެ ރޯލެވެ. މީހުންނަށް އޭނާ ހުވަފެނުން ފެނުމުން، މަޝްހޫރުވެ އެވެ.

މި ފިލްމުގެ ޕްލޮޓާ ބެހޭގޮތުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކެނެޑާގެ ޓޮރޮންޓޯގައި ޝޫޓްކޮށްފައިވާ މި ފިލްމުގައި ނިކޮލަސްގެ އިތުރުން މައިކަލް ސޭރާ، ޖޫލިއޭން ނިކޯލްސަން، ޓިމް މެޑޯޒް، ކޭޓް ބާލަންޓް، ޑިލަން ބޭކާ އަދި ޑިލަން ޖެލޫލާ ހިމެނެ އެވެ.

"ޑްރީމް ސިނާރިއޯ" ޓޮރޮންޓޯ ފެސްޓިވަލްގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.