ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ވާހަކަފުޅު އަނެއްކާވެސް ތަކުރާރުކުރައްވައިފި އެވެ.
ޕީޕީއެމް ޕީއެންސީ ކެމްޕޭންގެ އެންމެ އިސް ޓީމާ އެކު މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަކީ އިދިކޮޅު ސަޕޯޓަރުން މިދިޔަ ދުވަސްތަކުގައި އެންމެ ބުރަކޮށް ކުރި މަސައްކަތް ކަމަށެވެ. އެހެންކަމުން އޭނާއަށް ވެރިކަން ލިބުނުހާ އަވަހަށް ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"ފުރަތަމަ ޕޯޑިއަމް އަށް އަރައި ފުރަތަމަ އަޅުގަނޑު ދައްކާނެ ވާހަކަ އަކީ ވެސް މިހާރު ހުރި ރައީސަށް ގޮވާލުން މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ގެންނަން،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ. މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.
މުއިއްޒުގެ ކެމްޕޭން ޓީމާ އެކު މިރޭ ބޭއްވި މިބައްދަލުވުމަކީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމެއް ނޫނެވެ. ނަމަވެސް ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަަކަކޮޅެއް މި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ބަންދުވީވެސް ޖަލު ހުކުމެއްގައި ހުންނެވުމާ ގުޅިގެންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ އަމަލުތައް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފަ އެވެ.