ދުނިޔެ

އެއާ ފްރާންސް ފްލައިޓްތައް ބުރުކީނާ ފާސޯ އަށާއި މާލީއަށް މެދުކަނޑާލައިފި

އެއާ ފްރާންސް ފްލައިޓްތައް ވަގުތީ ގޮތުން ބުރުކީނާ ފަސޯ އަށާއި މާލީއަށް މެދުކަނޑާލައިފި ކަމަށް ރޮއިޓާސްއިން ބުނެފި އެވެ.

ފްލައިޓްތައް އަލުން ފަށާނެ ވަގުތެއް ނުބުނެ އެވެ. ނަމަވެސް، ފްލައިޓްތައް މެދުކަނޑާލާފައި ވަނީ އޯގަސްޓް 11 ގެ ނިޔަލަށެވެ.

ފްލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލި ސަބަބެއް ކަމަށް އެއާލައިނުން ބުނެފައިވަނީ ބުރްކީނާ ފާސޯ އަށާއި މާލީއަށް މިހާރު ދަތުރުކުރަން މަގު މާބޮޑަށް ދިގުވުން ކަމަށެވެ.

ބުރްކީނާ ފާސޯ އާއި މާލީ ބޯޑަރު ހިއްސާކުރާ ނައިޖަރަށް މިދާކަށް ދުވަހު ގެނައި އަސްކަރީ ބަޣާވާތަކާ ގުޅިގެން އެ ގައުމުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެއީ އެ ގައުމުގައި އޮތް މުހައްމަދު ބަޒޫމްގެ މަދަނީ ވެރިކަން އިއާދަކުރަން ބާޣީންނަށް ދިން ހަފުތާއެއްގެ މުހުލަތަށްފަހު، އަވައްޓެރި -- އީކޯވާސްގެ މެމްބަރު ގައުމުތަކުން ބާރުގެ ބޭނުންކޮށްގެން ނައިޖަރަށް އަރާފާނެތީ އެވެ.

ނައިޖަރުން މިގޮތަށް ވައިގެ ސަރަހައްދު ބަންދުކުރުމުން މީގެ ކުރިން އެ ގައުމުގެ ވައިގެ ސަރަހައްދުން ދަތުރުކުރި މަދަނީ މަތިންދާބޯޓުތަކަށް ވެސް ވަނީ މަގު ބަންދުވެފަ އެވެ.

ފްރާންސް އެއާލައިނުން ނައިޖަރުގެ ވައިގެ ސަރަހައްދަށް ނުވަދެ ދަތުރުކުރާނަމަ އެ ގައުމުގެ ވަކި ސަރަހައްދެއް ވަށާލައި ދަތުރުކުރަން ޖެހެ އެވެ. މިހެންކަމުން ފްލައިޓްގެ ދަތުރު ވަރަށް ބޮޑަށް ދިގުވެގެން ދާނެ އެވެ.

އަނެއްކޮޅުން ނައިޖަރަށް ބަޣާވާތް ގެނެސްގެން ތިބި އަސްކަރީ ޖެނެރަލުންނަކީ ފްރާންސް ދެކެ ވަރަށް ރުޅިއަންނަ ބައެކެވެ.

ފްރާންސުން ނައިޖަރު އިސްތިއުމާރު ކޮށްފައި އޮތްއިރު ހިންގާފައި ހުރި ޖަރީމާތަކުގެ އިތުރުން -- ފްރާންސުން މިހާރު ވެސް އެ ގައުމުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަންނަ ކަމަށް ޖެނެރަލުން ބުނެ އެވެ.

ނައިޖަރުގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ސަބަބަކީ ވެސް ރައީސް ބަޒޫމް އަކީ ހުޅަނގާ ވަރަށް އެކުވެރި ލީޑަރަކަށް ވުމެވެ. އަދި އެމެރިކާ އާއި ފްރާންސް އަދި ހުޅަނގުގެ ބައެއް އެހެން ގައުމުތައް އެދޭ ގޮތަށް ނައިޖަރު ހިންގަން އުޅުމަކީ ވެެސް ބަޣާވާތަކަށް މަގުފަހިވި ސަބަބެކެވެ.