ދުނިޔެ

އަސްކަރީ ޑްރޯންތަކުގައި ޗައިނާގެ ބައިތައް ބޭނުންކޮށްގެން ނުވާނެ: އިންޑިއާ

އިންޑިއާގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯންތަކުގައި ޗައިނާގެ އެއްވެސް އުފެއްދުމެއް ހިމަނައިގެން ނުވާނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

ރޮއިޓާސް ބުނާ ގޮތުން އިންޑިއާއިން މިފަދަ ވިޔަވަޅެއް އެޅީ ގައުމީ ސަލާމަތް ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އިންޑިއާ އާއި ޗައިނާ އަކީ ބޯޑަރު ހިއްސާކުރާ ވާދަވެރި ދެ ގައުމެވެ. ހިމާލިޔާގައި ދެ ގައުމުގެ ސަރަހައްދީ އިން ވަކިކުރުމުގައިވެސް ދެ ގައުމުން ތިބީ ބޮލަށް ބަޑިޖަހާ ހިސާބުގަ އެވެ.

އިންޑިއާ އާއި ޗައިނާ އަކީ ދުނިޔޭގެ ސިޔާސަތުގައި ބަސްބުނުމުގައިވެސް ނުފޫޒުގަދަ ދެ ގައުމެވެ. އަސްކަރީ ދަރަޖަތައް ފަތަހަކުރަމުން ގޮސް ދެ ގައުމަކީ ވެސް ނުރައްކާތެރި ނިއުކްލިއާ ބާރު ލިބިގެންފައި އޮތް ދެ ގައުމެވެ.

އިގުތިސާދީ، އަސްކަރީ އަދި ސައިންސާއި ޓެކްނޮލޮޖީއަށް ބެލި ނަމަވެސް މި ދެ ގައުމަކީ އެއްބަޔަކު އަނެއް ބަޔަކަށް ފުކެއްވެސް ދޫކުރަން ބޭނުން ނުވާ ދެ ގައުމެވެ.

ޗައިނާގައި އުފައްދާ ހާޑްވެއާ އިންޑިއާގައި އުފައްދާ ޑްރޯންތަކުގައި ބޭނުންކުރުމުން އެ ޑްރޯންތަކުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށް އިންޑިއާއިން ބުނެ އެވެ. އަދި ޗައިނާއިން ހާޑްވެއާ އުފައްދަނީ އޭގެ ކޮންޓްރޯލް ޗައިނާއަށް އޮންނަ ގޮތަށް ކަމަށްވެސް ބުނެވެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގައި ޗައިނާގެ ބައެއް ކުންފުނިތަކުން އުފައްދާ ނެޓްވޯކް ސްވިޗާއި ސީސީޓީވީ ކެމެރާ ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ.

މި ގައުމުތަކުން ގަބޫލުކުރާ ގޮތުން ނެޓްވޯކް ސްވިޗާއި ސީސީޓީ ކެމެރާތައް މެދުވެރިކޮށް އެ ގައުމުތަކުން ޖާސޫސްކުރުމުގެ ކުޅަދާނަކަން ޗައިނާ ލިބިގެންފާނެ އެވެ.

އިންޑިއާ ވެސް މިފަދަ ފިޔަވަޅެއް އެޅީ އިންޑިއާގެ އަސްކަރިއްޔާގެ ގާބިލުކަން ދެނެގަތުމަށް ޗައިނާ ބިސްމަޅި ދުއްވާފާނެތީ އެވެ. އިންޑިއާއަށް އަދި ދެނެގަނެވިފައި ނުވާ ދިމަދިމާއިން ވިދު ތޮރުފައި ޖާސޫސް ކުރުމަކީ ޗައިނާގެ ނިޔަތަކަށް ވެދާނެތީ އެވެ.