ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑްރޯންގައި ލެބޯޓްރީ ސާމްޕަލް އުފުލަން ތައްޔާރުވަނީ

ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީއަށް ސާމްޕަލް އުފުލުމުގެ ހިދުމަތް ފެށުމުގެ ކުރިން އެކަން ޓެސްޓްކޮށްފި އެވެ.

އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ބޭސް ގެންދިއުމަށް ގދ. އަތޮޅުގައި ޓެސްޓް ކޮށްފި އެވެ.

ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސާމްޕަލް އުފުލުމަކީ އެމްޑީޕީގެ ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަމެކެވެ.

މިހިދުމަތް ފެށުމަށްޓަކައި މިކަމާ ގުޅޭ ޓެސްޓްތައް ކުރިއަަށް ގެންދިޔައީ ގދ. އަތޮޅު ގައެވެ. ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާއެއްގައި މިމައުލޫމާތު ހާމަކޮށްފައިވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ދީފައެއް ނުވެ އެވެ.

ރައީސް ސޯލިހް މިއަދު ހުވަދު އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން ރައީށް ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ޑްރޯން ބޭނުންކޮށްގެން ސާމްޕަލް އުފުލުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކުގައި ސަޕްލައި ޓްރާންސްފާ ކުރުމުގެ މަސައްކަތް މި އަތޮޅުގައި މިވަނީ ޓެސްޓު ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ޑްރޯންގައި ސާމްޕަލާއި ބޭސް އުފުލުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ތަޖުރިބާކޮށްފައިވާ ހިދުމަތެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ޑްރޯން އެރުވުމާ ބެހޭ އުސޫލެއް ހަދައި ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތްތައް ދިނުމަށް ހުއްދަ ދޭންވެސް ތައްޔާރުވެފަ އެވެ.