ދިރާގު

އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމުގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ބާއްވާ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023ގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 އަދި 10 ވަނަ ދުވަހުގެ ނިޔަލަށް ވިލާ ނޯޓިކާ ޕެރަޑައިސް މޯލްޑިވްސް ރިސޯޓް ގައެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ 'ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިން ތުރޫ ދިސް ކޭއޮސް' އެވެ. އެގޮތުން މި ޝިއާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމަންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކާ ގުޅޭގޮތުން ވާހަކަދައްކާނެ އެވެ.

މި ކޮންފަރެންސްގައި ކީނޯޓް ސްޕީކާ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިން ސެޝަންތައް މެދުވެރިކޮށް އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓް ސްޕެޝަލިސްޓުންނާ އެކު ވާހަކަދައްކާ މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.

ދިވެހިރާއްޖޭގެ އަސާސީ ހިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ދަނީ ހާއްސަ އަހައްމިއްޔަތުކަމަކާއި އެއްބާރުލުންދެމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.