ޖުމްހޫރީ ޕާޓީ

ޖޭޕީގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ މެނިފެސްޓޯ މިރޭ ލޯންޗު ކުރުމަށް ނިންމައިފި އެވެ.

މިޖަލްސާ އޮންނާނީ މިރޭ 9:30 ގައި ޖޭޕީގެ މައި އޮފީސް -- މ. ކުނޫޒު ގައެވެ.

ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އެވެ. އިންތިހާބީ އޭޖެންޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ގާސިމްގެ މެނިފެސްޓޯ މިރޭ އިއުލާންކުރާއިރު ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ބައިތައް މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

ގާސިމް މިހާތަނަށް ވެފައިވާ ބައެއް ވައުދުތަކުގެ ތެރޭގައި 100 ދިވެހި މިލިއަނަރުން އުފެއްދުމާއި، ރިޔާސީ ދައުރެއްގެ ފުރަތަމަ ތިން އަހަރު ތެރޭގައި ދައުލަތުގެ ދަރަނި ޖީޑީޕީ 120 އިންސައްތައިން 90 އިންސައްތައަށް ދަށްކުރުމާއި، ދައުލަތުގެ ހަރަދު ޖީޑީޕީގެ 35 އިންސައްތައިގައި ހިފަހައްޓައި ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 30 އިންސައްތައަށް މަތިކުރުން ހިމެނެ އެވެ. އަދޮ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަދުވެގެން 20،000 ހައުސިން ޔުނިޓް އަޅައިދީ ހިޔާ ފްލެޓްތަކުގެ ކުލި ހިލޭ ކުރުންވެސް ހިމެނެ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާއެއް ގައެވެ.

ގާސިމްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކަށް ހަމަޖައްސާފައިވަނީ "ހާސް ކަނޑާލާ، ހަމަޖެހޭނެ" އެވެ.