ރާއްޖެއަކީ އެޑިޔުކޭޝަނަލް ޓޫރިޒަމް ނުވަތަ ބޭރު މީހުން ރާއްޖެއަށް ކިޔެވުމަށް އަންނަ މަގުބޫލު ގައުމަކަށް ހެދުމަކީ މިސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ގދ. ވާދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޖޭގަ މިހާތަނަށް ސަރުކާރަކުން ކުރާނެ އެންމެ އަގުހުރި މަސައްކަތް ކަމަށެވެ.
މިސަރުކާރުން ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމާ ގުޅިގެން ރައީސް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލް އުޖާލާވެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ މަންޒަރު ކުރިއަށް އޮތް ދުވަސްތަކުގައި ރަށްތަކުން ފެނިގެންދާނެ ކަމަށެވެ.
މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ތަނުގައި މަތީތައުލީމާ ތަމްރީނުގެ ކޯސްތައް މުޅި ދުނިއެއަށް ހުލުވާލެވިގެން އަދި ހާއްސަ ސްކޯލާޝިޕްތައް ތައާރަފްކޮށްގެން ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އޭރުން ޓޫރިޒަމްގައި ރާއްޖެ ފާހަގަކުރެވޭ ގޮތަށް އެޑިޔުކޭޝަނަލް ޓޫރިޒަމުގައިވެސް ރާއްޖެއަކީ މަގުބޫލް ގައުމަކަށް ހެދުމަކީ މިސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
"އޭރުން މިދާއިރާއަކީ ވެސް ރައްޖެއާއި ރާއްޖެއިން ބޭރުން މީހުން ބަލައިގަންނަ ދާއިރާއަކަށް ހެދިދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިނާއިީ މަސައްކަތްތެރިން އިސްސަފަށް ގެނައުމަށްޓަކައި ބޭނުންވާ ހުނަރާއި ތައުލީމު ފޯރުކޮށްދިނުމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސުކޫލެއްގެ ކެމްޕަހެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވާފައިވާ ދަރިވަރުން ދައުލަތަށް ހިދުމަތް ކުރި މިންވަރު ބެލުމަށްފަހު ލޯން މައާފްކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަން އަމާޒުކޮށްގެން ހާއްސަ ކެރިއާ ގައިޑެންސް ސެޝަންތަކެއް ތައާރަފްކޮށް ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދީ ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިސަރުކާރުގައި ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ރަށްރަށުގައި ކުރެވެމުންދާ މަސައްކަތްތައް ކަމަށެވެ. އަދި ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކާ ގުޅިގެން ކޮންމެ ރަށެއްގައިވެސް ވަޒީފަތައް އުފެދި ހަރުދަނާ ޒުވާނުންތަކެއް އުފެދިގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ލޭންޑް ޔޫޒް ޕްލޭން ހަދަންޖެހޭއިރު އެކަން ކުރާނެ ތަޖުރިބާ ލިބިފައިވާ މީހުން ރާއްޖޭގެ ކޮންމެ ރަށަކަށް ނެތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އެ ރަށެއްގެ ބަޔަކު ތަމްރީންކޮށް އެރަށެއްގައި އިންސާނީ ވަސީލަތް ގާއިމުކުރެވޭ ގޮތަށް ސިޔާސަތުތައް ބަދަލުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު ރައްޔިތުންނަށް ކަމެއް ކޮށްދިނީ ކޮން ބައެއްތޯ ބަލާފައި ނޫނީ ވޯޓު ނުދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"ވައުދެއްވެ ވައުދެއް ފުއްދުނީ ކޮންބަޔަކަށްތޯ އެއީ ހުރިހާ ރައްޔިތުންވެސް މިނެކިރާލަންޖެހޭ ކަމެއް. ކުރިއަށް އޮށް ދައުރަށް މީހަކު ހޮވާއިރު ހަމަޔަގީނުންވެސް ވާދޫގެ ރައްޔިތުން ވަނީ މިސަރުކާރު ޓެސްޓްކޮށްފައި،" ރައީސް ވިދާޅުވި އެވެ.