އެމްޑީއޭ

ރަފިއްޔާ "އަވަގުރާނަ" ގޮވުމާ ގުޅިގެން ހޫނު ފެނަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ޖަލްސާއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަަތު ރަފިއްޔާ "އަވަގުރާނަ" ގޮވި ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ރަފިއްޔާ އަށް އަމާޒުވެއްޖެ އެވެ.

ގދ. ގައްދޫގައި ރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ސަރުކާރުތަކަށް ފާޑު ވިދާޅުވަމުން ރަފިއްޔާ ވިދާޅުވީ ރައްޔިތުންނަށް މޮޅު ކަމެއް ކޮށްދިނުމުގެ ބޭނުމުގައި މާލޭގައި ފެން ފޯއް ރުއް އިންދި ސަރުކާރެއް ވެސް ފެނުނު ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު އޭނާ ދެން ބޭނުންކުރެއްވީ ދިވެހިން އާންމުކޮށް އަވަގުރާނައިގެ ގޮތުގައި ބޭނުންކުރާ ބަހެކެވެ.

"ފެން ފޯއް ރުށް އިންދީމާ ވާނީ ކިހިނެއްތޯ؟ - - - އެރިގެން އިރުކޮޅަކުން އުޅޭނީ. އެހެން ނޫންތޯ،؟ ރަފިއްޔާ ވިދާޅުވެފައިވެ އެވެ.

ރަފިއްޔާގެ ވާހަކައަށް ފާޑުކީ މީހަކު ޓްވިޓާގައި ބުނި ގޮތުގައި ރަފިއްޔާ ދައްކަވާފައިވަނީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އިންނެވި ތަނެއްގައި ދައްކައިގެން ނުވާނެ ފަދަ ހުތުރު ވާހަކައެއް ކަމަށެވެ.

"މިއީ ރައީސަށް ވެސް ކުރެވޭ މަލާމާތެއް ފުރައްސާރައެއް، އެމީހާ ބުންޏެވެ.

ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ބުނި ގޮތުގައި ރައީސްގެ ޖަލްސާތައް ޓީވީން ވަގުތުން ދައްކާއިރެއްގައި އޭނާގެ ބަހުރުވަ ހުންނަންވާނީ އެއަށްވުރެ އާންމު އިޖުތިމާއީ މިންގަނޑުގައި ކަމަށެވެ.

"މިސާލެއް ދެއްކި ނަމަވެސް މިއަށް ވުރެ ރީތި މިސާލު ދެއްކެން ވާނެ. އަނބިދަރިންނާ އެކު ގޭގައި ޓީވީ ބެލޭނެ ކަހަލަ ބަހުރުވަ ހުންނަންވާނެ،" އެމީހާ ބުންޏެވެ.

ކޮމިއުނިޓީ ވައިބަ ގުރޫޕެއްގައި ރަފިއްޔާގެ ވީޑިއޯ އަށް ކޮމެންޓް ކުރި މީހަކު ބުނީ ރަފިއްޔާ ދައްކަވާފައިވަނީ އަންހެނުންނަށް ވެސް ހުތުރު އަދި ބަޔަކަށް ފުރައްސާކުރުން ފަދަ ހުތުރު ވާހަކައެއް ކަމަށެވެ.

"ހަގީގަތުގައި އުޅުމެއް ނެތް މީހަކު ދައްކާ ޒާތުގެ ވާހަކައެއް އެއީ. މައާފަށް އެދެންޖެހޭނެ އެކަމަށް،" އެމީހާ ބުންޏެވެ.

ބައެއް މީހުން ބުނި ގޮތުގައި ރަފިއްޔާ ދެއްްކެވި ފަދަ ވާހަކަތައް ކެމްޕޭން ޖަލްސާތަކުގައި ތަކުރާރުވެގެން ނުދާނެހެން ހެދުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. މުޖުތަމައަށް ހެވާލާބައަށްޓަކައި އެފަދަ ވާހަކަތައް ސެންސަރު ކުރެވޭނެ ގޮތެއް ހެދުމަށްވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.