ދުނިޔެ

ސޯމަލިއާގެ މަތިންދާބޯޓެއްގައި ބޮން ގޮއްވީ އަލްޝަބާބުން

މިމަހުގެ ދެ ވަނަ ދުވަހު ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫ އިން ފުރައިގެން ޖިބޫތީއަށް ދަތުރުކުރަމުން ދާލޯ އެއާލައިންގެ މަތިންދާބޯޓެއްގައި ގޮއްވާލި ބޮމުގެ ޒިންމާ ހައްދު ފަހަނަ އަޅާފައިވާ އަލް ޝަބާބު ގުރޫޕުން ނަގައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަލްޝަބާބުން ދިން އެހަމަލާ އަކީ ހުޅަނގުގެ އިންޓެލިޖެންސް އޮފިޝަލުންނަށް އަދި ތުރުކީގެ ނޭޓޯ ފޯސް އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ދިން ހަމަލާ އެއް ކަމަށެވެ.

އެބޯޓު ނައްޓާލިތާ ގިނަ އިރުތަކެއް ނުވަނީސް ބޯޓުގެ އަރިމަތިން ބާގަނޑެއް ހެދުމުން ބޯޓުވަނީ އެމަޖެންސީގައި އަނބުރާ މޮގަދިޝޫއަށް ޖައްސާފަ އެވެ. އެހެން ކަމުން ބޮން ގޮއްވާލީ މޮގަދިޝޫން ނައްޓާލިތާ މާގިނައިރެއް ނުވަނީސް ކަމަށް ބެލެވެ އެވެ. މިހާދިސާގައި އެކަކު އެބާގަނޑު ތެރެއިން ވެއްޓި މަރުވި އިރު އިތުރު ދެމީހަކަށް އަނިޔާވި އެވެ.

މޮގަދިޝޫގެ އުތުރުން 18 މޭލު ދުރުގައި އޮންނަ ބަލާދު އަވަށުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެއީ ދާލޯ އެއާލައިނުގެ ބޯޓުން ވެއްޓުނު މީހާ ކަމަށް ބެލެވޭ ކަމަށް ވެސް އެ އަވަށުގެ ފުލުހުން ބުންޏެވެ.

މިހާދިސާގައި ގޮއްވާލި ބޮން އޮތީ ބޯޓުން ދަތުރުކުރި 60 ފަސިންޖަރުންގެ ތެރެއިން ކޮންމެސް އެއް ފަސިންޖަރެއްގެ ލެޕްޓޮޕްގައި ފޮރުވާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޯޓު ޖެއްސުމާ އެކު ސޯމާލިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެއާބަސްގެ ޓެކްނިކަލް ޓީމަކުން ވަނީ މި ހާދިސާ ތަހްގީގު ކުރަން ފަށާފަ އެވެ.

ހާދިސާ ހިނގިއިރު ބޯޓު އޮތީ 11،000 ފޫޓު މަތީގައި އޮއްވާ ކަމަށާއި އެއަށް ވުރެ މަތީގައި އޮއްވާ ގޮއްވާލި ނަމަ ވަރަށް ގޯސްވީސް ކަމަށް ބޯޓުގެ ކެޕްޓަން ވަލްޓްކޯ ވޮޑޮޕިވެކް ބުންޏެވެ.

ދާލޯ އެއާލައިންސްއަކީ ސޯމާލިއާ އާއި ދުބާއީ އަދި ޖިބޫތީއާ ދެމެދު ގަވާއިދުން ދަތުރުތައް ކުރާ އެއާލައިނެކެވެ.