ފިނިޕޭޖް

އާނޯލްޑް ޝްވަޒެނޭގާ އާއި ގަލް ގަޑޮތްގެ "ހާޓް އޮފް ސްޓޯން" ޕްރޮމޯ

އެކްޓްރެސް ގަލް ގަޑޮތްގެ އާ ފިލްމް "ހާޓް އޮފް ސްޓޯން" އޮގަސްޓް 11، 2023 ގައި ރިލީޒްކުރާއިރު، ނެޓްފްލިކްސް އިން މި ފިލްމްގެ ޕްރޮމޯއެއް ހަދައިފި އެވެ.

މި ވީޑިއޯ ޕްރޮމޯ އިން ފެންނަނީ ނެޓްފްލިކްސްގެ ޗީފް އެކްޝަން އޮފިސާ އާނޯލްޑް ޝްވަޒެނޭގާ ހެނދުނު ކޮފީ ހަދަން ހުންނަ ތަނެވެ.

ގަލް ހިނގަމުން އައިސް އާނޯލްޑަށް ގޮވާލާފައި، ޗީފް އެކްޝަން އޮފިސާ ކީއްވެތޯ ކޮފީ ހަދަން ހުރީ ސުވާލުކުރެ އެވެ.

މި ޕްރޮމޯގައި "ހާޓް އޮފް ސްޓޯން"ގެ ޓްރޭލާގެ ތަންކޮޅެއް ދައްކައި، އާނޯލްޑް އާއި ގަލްއާ ދެމެދު ހެއްވާ ކަންތައްތައް ހިނގަ އެވެ.

"ހާޓް އޮފް ސްޓޯން" އަކީ ޓޮމް ހާޕާ ޑައިރެކްޓް ކޮށްފައިވާ ސްޕައި ތްރިލާ އެކެވެ.

ވީޑިއޯ ޕްރޮމޯގައި ގަލް ބުނާ ގޮތުގައި މި ފިލްމްގައި ހިމަނާފައިވާ އެކްޝަން ސިކުއެންސްތަކާ މެދު އާނޯލްޑް ހިތްހަމަޖެހޭނެ އެވެ.

މި ފިލްމުގައި ގަލް ގަދޮތްގެ އިތުރުން ޖޭމީ ޑޯނަ، އާލިއާ ބަޓް، ސޯފީ އޮކޮނޭޑޯ، މަތިއާސް ޝްވައިކޯފާ، ޕޯލް ރެޑީ އަދި ޖިންގް ލޫސީ ހިމެނެ އެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައީ އިނގިރޭސިވިލާތުގެ ލަންޑަން، އައިސްލޭންޑްގެ ރޭކަވިކް އަދި ޕޯޗުގަލްގެ ލިޒްބަން ގައެވެ.

މި ފިލްމްގެ ޝޫޓިން ކުރިއަށް ދިޔައިރު އާލިއާ ބަނޑުބޮޑެވެ.