އެކުއެޑޯގައި މި މަހު 20 އޮންނަ ރިޔާސީ އިންތިޚާބުގައި ވާރަދަކުރައްވާ އަށް ކެންޑިޑޭޓުންގެ ތެރެއިން އެކެއްގެ ގަޔަށް ބަޑިޖަހައި މަރާލާއިފި އެވެ. މަރާލާފައި ވަނީ ފެރްނާންޑޯ ވިއްޔާވިސެންސިއޯ ކަމަށް ޚަބަރުތައް ބުނެ އެވެ.
ފެރްނާންޑޯ ވިއްޔާވިސެންސިއޯ، 59 އަކީ ރިޕޯޓްތައް ބުނާ ގޮތުން އެހާ މަގުބޫލު ކެންޑިޑޭޓެއް ވެސް ނޫނެވެ. މިހެންކަމުން އޭނާ މަރާލުމުގެ ފަހަތުގައި އޮތީ ކޮން ބޭނުމެއްކަން ތަހުގީގު ޓީމުތަކަށް އަދި ނޭނގެ އެވެ. އޭނާގެ މަގުބޫލުކަން އުޅެނީ 7.5 ޕަސެންޓްގަ އެވެ.
މި ހާދިސާއާ ގުޅިގެން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ސަރުކާރުންނާއި ބައިވެރިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ފެރްނާންޑޯގެ ގަޔަށް ބަޑިޖެހީ ވެރިރަށް ކީތޯގައި އޮތް ސިޔާސީ އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން ގެއަށް ވަޑައިގެންނެވި މަގުމަތީގަ އެވެ.
މި ހާދިސާއާ ގުޅިގެން އަދި މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެކުއެޑޯގެ ނޫސްތައް ބުނާ ގޮތުން ފެރްނާންޑޯ ކާރަށް އަރާ ވަޑައިގަތުމުގެ ކުރިން އުންޑައެއްގެ އަޑުއިވުނެވެ. ދެން ފެނުނީ ފެރްނާންޑޯ ބިންމައްޗަށް ވެއްޓުނު މަންޒަރެވެ.
ފެރްނާންޑޯގެ މަރާ ގުޅިގެން އެކުއެޑޯގެ ރިޔާސަތުން ރައީސް ގީޔެރްމޯ ލާސޯ ބަޔާނެއް ނެރުއްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަމަލުގެ ފަހަތުގައި ތިބި އެކަކުވެސް ސަހަލު ގޮތަކަށް ދޫނުކުރައްވާނެ އެވެ.
ކުށްކުރާ މީހުން ގައުމުގައި ވަރަށް ގިނަވެއްޖެ ކަމަށް ރައީސް ގީޔެރްމޯ ލާސޯ ވިދާޅުވި އެވެ. އެހެނެއް ކަމަކު އޭނާ ވިދާޅުވީ ގާނޫނީ ބާރު ދެމިއޮންނާނެ ކަމަށާއި ތަންފީޒު ވެސް ކުރައްވާނެ ކަމަށެވެ.
ފެރްނާންޑޯ ވިއްޔާވިސެންސިއޯ ވަނީ އެކުއެޑޯގެ ގާނޫންހަދާ މަޖިލީހުގައި ކުރިން މަސައްކަތްކުރައްވާފަ އެވެ.
އެކުއެޑޯގައި މި މަހު 20 ގައި ބާއްވަނީ އަވަސް އިންތިޚާބެކެވެ. އެއީ އެ ގައުމުގެ ގާނޫންހަދާ މަޖިލީސް، ރައީސް ލާސޯ އުވާލެއްވުމާ ގުޅިގެންނެވެ.
ރައީސް ގާނޫންހަދާ މަޖިލީސް އުވާލެއްވި ސަބަބެއް ކަމަށް ޚަބަރުތައް ބުނަނީ އޭނާގެ މައްޗަށް އޮތް ކޮރަޕްޝަން މައްސަލައެއްގައި މަގާމުން ދުރުކޮށްފާނެތީ އެވެ. މިހާރު ތިބި މެމްބަރުންގެ ބަދަލުގައި އޭނާއަށް ވަފާތެރި މެމްބަރުން އައްޔަން ކުރެއްވުމަކީ ވެސް އޭނާގެ އުންމީދެކެވެ.