ސަރުކާރުން އިއުލާނުކޮށްފައިވާ ގެދޮރުވެރިޔާގެ ހައުސިންގް ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން މަކަރާއި އޮޅުވާލުން އިތުރުވެދާނެތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ އެކި ދުވަސްވަރާ ދިމާކޮށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ ފޯނަށް ގުޅައިގެންނާއި މެސެޖް ނުވަތަ އީމެއިލްކޮށްގެން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތައް ހުށަހެޅެމުންދާ ކަމަށެވެ.
އެހެން ކަމުން އެފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް ސައްހަ މައުލޫމާތު ހޯދައި، އެމީހުން ބޭނުންކުރާ އުކުޅުތަކާ ގުޅޭ މައުލޫމާތު އެއްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް ދެނެގަތުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
ފްލެޓް ލިސްޓާއެކު ސްކޭމްތައް އިތުރުވެދާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
އެގޮތުން ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިދިޔަ ޖޫން މަހު އިއުލާނުކުރުމާއެކުވެސް އެކި އިދާރާތަކާއި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގުޅާ ލަނޑުދީފައިވާތީ ސަމާލުވުމަށް އެ އިދާރާތަކުން އިލްތިމާސްކުރި އެވެ.