އެމްއެންޑީއެފް

ކަނޑުގެ ދިރާސާތަކުގައި ބޭނުންކުރި ބޮޔެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

ކަނޑުގެ ދިރާސާތަކަށް ބޭނުންކުރަމުން ދިޔަ ބޮޔެއް ކަނޑައިގެން ގޮސް އޮޔާ ދާތީ، މަސްވެރިންނާއި ކަނޑު ދަތުރުކުރަ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރަމެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޮއި އެންމެ ފަހުން ފެނިފައިވަނީ ހދ. މަކުނުދޫގެ ހުޅަނގު އުތުރުން 62 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ބޮއި އޮޔާ ދަނީ އިރުދެކުނަށެވެ. އެހެންކަމުން ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ މީހުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެ އެވެ.

މި ބޮޔާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފައިވެ އެވެ.