ފިނިޕޭޖް

"ސްކްރީމް 7" އިން ގޯސްޓްފޭސް އަނެއްކާވެސް ފެންނާނެ

ޕެރެމައުންޓް ޕިކްޗާސްގެ ސްލޭޝާ ފިލްމު "ސްކްރީމް" ފްރެންޗައިޒްގެ ހަވަނަ ފިލްމުގެ ކާމިޔާބީއަށްފަހު ހަތްވަނަ ފިލްމު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

"ސްކްރީމް 7" ޑައިރެކްޓް ކުރާނީ ކްރިސްޓޮފާ ލޭންޑަން އެވެ.

މިއީ "ޕެރެނޯމަލް އެކްޓިވިޓީ: ދަ މާކްޑް ވަންސް"، "ފްރީކީ" އަދި "ހެޕީ ޑެތް ޑޭ" ފަދަ ހޮރޯ ފިލްމު ޑައިރެކްޓް ކޮށްފައިވާ ތަޖުރިބާކާރު ޑައިރެކްޓަރެކެވެ.

މި ހަބަރު ލެންޑަން ވަނީ ގޯސްޓްފޭސްގެ ފޮޓޯއަކާ އެކު އެކްސް (ޓްވިޓާ)ގައި ޓްވީޓްކޮށްފަ އެވެ.

"ސްކްރީމް 6" މިދިޔަ މާޗް މަހުގެ 10 ގައި ރިލީޒްކޮށްފައިވީއިރު މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބިފަ އެވެ. އެގޮތުން މި ފިލްމު އެޅުވި ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުމުގެ އިތުރުން މިއީ 1997ގެ "ސްކްރީމް 2" އާއެކު ބޮކްސް އޮފީހުގައި 100 މިލިއަން ޑޮލަރުގެ ލަނޑުދަނޑި ހުރަސްކުރި މި ފްރެންޗައިޒްގެ ދެވަނަ ފިލްމެވެ.

"ސްކްރީމް 6"ގައި މެލިސާ ބަރޭރާ، ޖެނާ އޯޓޭގާ، މޭސަން ގުޑިން، ޖޭސްމިން ސެވޯއި ބްރައުން އާއެކު ޑަމަޓް މަލްރޯނީ، ހޭޑަން ޕެނެޓިއާ އާއި "ސްކްރީމް" ފްރެންޗައިޒްގެ ހުރިހާ ފިލްމެއްގައި އުޅޭ ކޯޓްނީ ކޮކްސް ހިމެނެ އެވެ. މީގެ އިތުރުން ސަމާރާ ވީވިން، ޓޯނީ ރެވޮލޯރީ، ޖޯޝް ސެގާރާ އާއި އިތުރު ތަރިން ވެސް ފިލްމުގައި ހިމެނެ އެވެ.

"ސްކްރީމް"ގެ ފަސް ފިލްމްގައި އުޅުނު ނީވް ކެމްބެލް އާއި ޑޭވިޑް އާކެޓް މި ފިލްމުގައި ކޮންޓްރެކްޓްގެ މައްސަލަތަކަކާ ގުޅިގެން ނުހިމެނެ އެވެ. އެހެން ނަމަވެސް ރަނގަޅު އޮފާއެއް ލިބިއްޖެޔާ އެ ރޯލަށް އަންނާނެ ކަމަށް ނީވް ކުރިން ބުނެފައިވެ އެވެ.