ފިނިޕޭޖް

އެޗްޖީޓީވީގެ "ގުޑް ބޯންސް" ނިންމާލަނީ

އިމާރާތްތައް މަރާމާތުކުރާނެ ގޮތް ގެނެސްދޭ އެޗްޖީޓީވީގެ މަގުބޫލް ޝޯ "ގުޑް ބޯންސް" ނިންމާލަން ތައްޔާރުވެފައިވާ ކަމަށް އެ ޝޯގެ އެއް ސްޓާ ބުނެފި އެވެ.

"ގުޑް ބޯންސް" އަކީ 2016 ގައި ދެމައިން ކަމުގައިވާ ކެރެން އީ ލޭން އާއި މީނާ ސްޓާސިއަކް ހޯކް ފެށި ޝޯ އެކެވެ.

މި ޝޯގައި ދައްކަނީ މި ދެމައިންގެ ކުންފުނި "ޓޫ ޗިކްސް އެންޑް އަ ހެމާ" މެދުވެރިކޮށް މީހުންގެ ބާ އިމާރާތްތައް މަރާމާތުކޮށް، އިމާރާތްތައް އެއްކޮށް ބަދަލުކޮށްލާ މަންޒަރުތަކެވެ.

މި ޝޯތަކުގައި އުޅޭ މީހުންނާ އެކު މީނާ އާއި ކެރެންވެސް ބުރަކޮށް މަސައްކަތް ކުރެ އެވެ. ކެރެން 2019 ގައި ކުންފުނީގެ މަސްއޫލިއްޔަތުތަކުން ދުރުވި ނަމަވެސް، މީނާ އާއި ޓީމްއާ އެކު ޝޯއިން ފެނެ އެވެ.

މީނާ ބުނީ އޮގަސްޓް 15 ގައި ފަށާ ސީޒަން 8 އަކީ މި ޝޯގެ އެންމެ ފަހު ސީޒަން ކަމަށެވެ. މި ހަބަރު މީނާ ހިއްސާކޮށްފައިވަނީ އޭނާގެ ޕޮޑްކާސްޓް މީނާއޭއެފް ގައެވެ.

މީނާ ބުނީ މި ޝޯއަކީ އޭނާ ވަރަށް ފަހުރުވެރިވާ ޝޯއެއް ކަމަށާއި މީއީ އޭނާގެ ޝަހްސު ދޭހަކޮށްދޭ ފަދަ ޝޯއެއް ކަމަށެވެ. އަދި ޝޯގައި މަސައްކަތްކުރި އެންމެންވެސް މިހާރު ވަނީ ބޮޑު އާއިލާއަކަށް ވެފައި ކަމަށެވެ.

މީނާ ބުނީ އޭނާ ފަދައިން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޝޯގެ ގިނަ މެންބަރުންވެސް ހަޔާތުގެ ބޮޑެތި ކަންކަންތަކާ ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން މީނާ ބުނީ ޝޯގެ މެންބަރުންނަށް މި ޝޯ ފެށުނު ފަހުން އޭނާ އެންގޭޖްވެ، ކައިވެނިކޮށް، ކުއްޖަކު ލިބި، ދެވަނަ ކުއްޖަކު ހޯދުމަށް އައިވީއެފް ހަދައި، ދެވަނަ ކުއްޖާ ލިބި އަދި ހަޔާތުގައި ކޮންމެ ދުވަހަކު ދިމާވާ ކަންކަމާ ކުރިމަތިލާ ތަން ފެނިފައިވާނެ ކަމަށެވެ.

މީނާ ބުނީ ޝޯގެ ބައެއް އެޕިސޯޑްތައް ގުޅިފައިވާތީ، އެއްފަހަރާ އެކަކަށްވުރެ ގިނަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަންޖެހުނީތީ، އެންމެންވެސް ވަރަށް ބުރަކޮށް އުޅެންޖެހުނު ކަމަށެވެ.

އޭނާގެ ކެރިއާގައި ދެން އޮތް ބާބަކީ ހޯމް އިމްޕްރޫވްމަންޓް ބްރޭންޑެއް ކަމުގައިވާ "ކެރެކްޓާ"ގެ ޗީފް ޑިޒައިން އަދި ބިލްޑް އޮފިސާގެ މަގާމު އަދާކުރުން ކަމަށްވެސް މީނާ ބުންޏެވެ.