ކޮޓަރީގެ ފިނިހޫނުމިނަށް އަސަރު ފޯރުވޭނީ ވައިގެ ހޫނުމިނާއި، ލައިގެން ހުންނަ ހެދުންތަކާއި، ޖިސްމާނީ ހަރަކާތްތެރިކަމުގެ މިންވަރު ފަދަ ކަންކަމުންނެވެ. މި ހުރިހާ ކަމެއްގެ ސަބަބުން މީހާގެ ތާމަލް ކޮމްފޯޓް އަށް އަސަރު ފޯރަފާނެ އެވެ.
ކޮޓަރިއެއްގެ ފިނިހޫނުމިން ވަށައިގެންވާ މޫސުމަށް ބަލާއިރު ވަރަށް ބޮޑަށް ތަފާތުވެ އެވެ. ދުނިޔޭގެ އެކި ހިސާބު ތަކުގައި އައިޑިއަލް ފިނިހޫނުމިން ތަފާތުވާނެ އެވެ.
ރާއްޖެ އާއި އެންމެ ކައިރީގައި އޮންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ ޖައިޕޫރުގައި ކުރިއަށް ގެންދިޔަ ސާވޭ އަކުން ހާމަވާ ގޮތުގައި އިންޑިއާގެ ދުޅަހެޔޮ ޒުވާނުންނަށް ނިއުޓްރަލް ތާމަލް ކޮމްފޯޓް ޓެމްޕަރޭޗަ ތަހުލީލުކޮށްފައިވަނީ 30.15 ޑިގްރީ ސެލްސިއަސް ގައެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންނާއި ފިރިހެނުންގެ ތާމަލް ކޮމްފޯޓް ޕްރެފެރެންސް ވަރަށް ބޮޑަށް ތަފާތުވެދާނެ ކަމަށާއި އެވްރެޖްކޮށް އަންހެނުން އިސްކަންދެނީ މާހައުލުގެ ފިނިހޫނުމިން މަތިވުމަށެވެ.
ސައިންސްވެރިން އެމީހުންގެ އަތާއި ހަށިގަނޑުގެ ހަމުގެ ފިނިހޫނުމިން މޮނިޓާކުރުމުން އާދައިގެ އަންހެނެއްގެ މެޓަބޮލިކް ރޭޓް ފިރިހެނުންނަށް ވުރެ 20 ޕަސަންޓާއި 32 ޕަސަންޓާއި ދެމެދުގެ މިންވަރަކަށް ދަށްކަން ފާހަގަކުރެވުނެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި އަންހެނުން ގެދޮރުގެ ފިނިހޫނުމިން ގާތްގަނޑަކަށް 24 ޑިގްރީ ސެލްސިއަސްގައި ބަހައްޓަން އިސްކަންދޭއިރު، ފިރިހެނުންނަށް އަރާމު ވަނީ ގާތްގަނޑަކަށް 21 ޑިގްރީ ސެލްސިއަސް އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 1987 ވަނަ އަހަރު ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ގޭތެރޭގެ އަރާމު ފިނިހޫނުމިނަކީ 18 އާއި 24 ޑިގްރީ ސެލްސިއަސް އާއި ދެމެދުގެ އަދަދެކެވެ.
ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް އެންމެ ރަނގަޅު ވަނީ 20 ޑިގްރީ ސެލްސިއަސްގައި ފިނިހޫނުމިން ހުރުމަށެވެ. ސޯޅަ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށް ފިނިހޫނުމިނާއި 65 ޑިގްރީ ސެލްސިއަސް ވުރެ މަތީގެ ފިނިހޫނުމިން ހުރުމަކީ އެލާޖީ ހިމެނޭ ގޮތަށް ނޭވާލާ ނިޒާމުގެ ނުރައްކާތަކާ ގުޅުންހުރި ކަމެއް ކަމަށްވެސް ދިރާސާގައި ބުނެފައިވެ އެވެ.
މާ ހޫނުވެއްޖެނަމަ އިންސާނާގެ ސިކުނޑި ނުތަނަވަސްވެ ހާސްވާ ގޮތް ވާން މެދުވެރިވެ އެވެ. މާ ފިނިވާ ހާލަތްތަކުގައި އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރެވޭ ހާލަތަށްވެސް ގޮސްދާނެ އެވެ.