ކޮވިޑްގެ ހާލަތުގައި ބައެއް މިނިސްޓްރީތައް ލައްވާ މަޖުބޫރުން ކަންކަން ކުރަންޖެހުނު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ނ. ހެނބަދޫގައި މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ބައެއް މިނިސްޓްރީތަކުގެ ބައެއް މުވައްޒަފުން ލައްވާ މަޖުބޫރުން ކަންކަން ކުރައްވަން ޖެހިވަޑައިގަތީ އޭރު ފެތުރިފައިވާ ބަލިމަޑު ކަމުގެ ސަބަބުން ބައެއް މުވައްޒަފުންވެސް ބިރުގަނެފައި ތިބީ ކަމަށެވެ.
ރައީސް ވިދާޅުވީ ބޯޑަރުތައް ބަންދުކޮށް، މިސްކިތްތައް ވަގުތީ ގޮތުން ބަންދުކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އޭރު އިތުރު ގޮތެއް ނެތިގެން ކަމަށެވެ. މީގެ އިތުރުން ރައީސް ވިދަޅުވީ މިއަދު މިހިސާބަށް އާދެވުނީ އެ ދުވަހު އެގޮތަށް އަމަލުކުުރުމުން ކަމަށެވެ.
ހެނބަދޫގައިވެސް ވައުދު ތަކެއް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. މީގެތެރޭގައި ބިން ހިއްކާ ބޯހިޔާވަހިކަން ހައްލުކޮށްދީ، ރައްޔިތުން ބޭނުންވާ ފަދަ ބޮޑު ހުކުރު މިސްކިތެއް އަޅައިދިނުމަށް ރައީސް ވައުދުވި އެވެ. އަދި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދީ، ރަށުގެ ކޯޓާއި އޮފީސް އެއް ބިމަކަށް ގެނެސް އޮފީސް ކޮމްޕްލެކްސްއެއް އަޅައިދީ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ބޭނުންވާނީ ވައުދުވެ، ވައުދު ފުއްދާ ސަރުކަރެއް ގެންނަން" ރައީސް ވިދާޅުވި އެވެ.
ހެނބަދޫ ރައްޔިތުން ބަނދަރު ފުރާލާ، ދެއްވި މަރުހަބާއަށް ވެސް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފަ އެވެ. އަދި ރައްޔިތުންގެ ކެތްތެރި ކަމަށް އެމަނިކުފާނު ވަނީ ތައުރީފް ކުރައްވާފަ އެވެ.