އެމެރިކާގެ އެންބީއޭ ތަރި ކޯބޭ ބްރާޔަންޓްގެ ހަނދާނުގައި އޭނާގެ އަންހެނުން ވެނެސާ ޑިޒައިންކުރި ސްނީކާސް ނައިކީން ދައްކާލައިފި އެވެ.
ނައިކީން ނެރުނު ބަޔާނެއްގައި ބުނީ "ކޯބޭ ބްރާޔަންޓް 8 ޕްރޯޓްރޯ ހޭލޯ"ގެ ނަން ދީފައިވާ މި ސްނީކާސް ނެރޭނީ މިމަހު 23ގައި ކަމަށެވެ.
މިއީ ކޯބޭގެ 45 ވަނަ އުފަން ދުވަހެވެ. ނައިކީން ބުނީ ކޯބޭގެ ހަނދާނުގައި ހޭލޯ ކޮންސެޕްޓް ސްނީކާސްގެ ވައްތަރެއް ކޮންމެ އަހަރަކު އެއްފަހަރު މި ތާރީހުގައި ނެރޭނެ ކަމަށެވެ.
ނައިކީގެ އެކްސް (ޓްވިޓާ) ޕޯސްޓްގައި ހުދުކުލައިގެ މި ސްނީކާސްގެ ފޮޓޯއެއް ހިއްސާކޮށްފައިވެ އެވެ.
ވެނެސާ، 41، ގެ އިންސްތަގްރާމްގައި މި ސްނީކާސްގެ ހަބަރާއެކު ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ ބްލެކް އެންޑް ވައިޓްކޮށް، ހޭލޯ ކޮންސެޕްޓްގެ ސްނީކާސް ތިރިއަށް ފައިބާއިރު، ތިރީގައި އިން ބާސްކެޓް ބޯޅައިން ތާރީހު ބަދަލުވަމުން އަންނަ ތަނެވެ. އެ ސްނީކާސް އައިސް ބޯޅައިގެ މައްޗާ ޖެހޭއިރު، ބޯޅައިގައިވާ ތާރީހަކީ މި ސްނީކާސް ލޯންޗުކުރާ ތާރީހު އަދި ކޯބޭގެ އުފަން ދުވަސް ކަމުގައިވާ އޮގަސްޓް 23، އެވެ.
ކެޕްޝަންގައި މިއީ ކޯބޭ 8 "ހޭލޯ" ސްޓައިލްގެ ކުރިއަށް އޮތް ސްނީކާސްގެ ތެރެއިން އެއް ސްނީކާސް ކަމުގައި ހިތުގެ އިމޯޖީއާއެކު ލިޔެފައިވެއެވެ.
ނައިކީ އާއި ކޯބޭގެ އިސްޓޭޓުން ވަނީ މިދިޔަ އަހަރު ޕާޓްނަޝިޕް އާކޮށްފަ އެވެ. މި ޕާޓްނަޝިޕްގެ ދަށުން ނައިކީއަށް އަލުން ކޯބޭގެ ނަމުގައި މާޗަންޑައިޒް އުފައްދައި، ވިއްކޭނެ އެވެ.
މީގެ އިތުރުން ކޯބޭގެ އަންހެން ދަރި ޖިއަނާގެ ނަމުގައިވެސް މާޗަންޑައިޒް އުފައްދާ، ވިއްކޭއިރު ޖިއަނާގެ މާޗަންޑައިޒް އިން ލިބޭ އާމްދަނީ މަމްބާ އަދި މަމްބަސީޓާ ސްޕޯޓްސް ފައުންޑޭޝަނަށް ހަދިޔާކުރާނެ ކަމަށް ވަނީ ސްޕޯޓިން ނިއުސްއިން ރިޕޯޓްކޮށްފަ އެވެ.
ކޯބޭ ބްރާޔަންޓްއަކީ ކުރީގެ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުންތެރިއެކެވެ. 1996 ގައި މީނާ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އަށް ޑްރާފްޓްވެ، އެ ލީގުގެ އެންމެ ހަގު ކުޅުންތެރިޔާއަށްވި އެވެ.
ލޮސް އެންޖަލިސް ލޭކާސްއާއެކު 20 އަހަރުގެ އަލިގަދަ ކެރިއަރަކަށްފަހު، ކޯބޭ 2016 ގައި ރިޓަޔާކުރި އެވެ. ކޯބޭ ވެނެސާއާ ކައިވެނިކޮށް، ހަތަރު ކުދިން ލިބުނެވެ. އަދި ޖެނުއަރީ 2020 ގައި ކޯބޭ އާއި އޭނާގެ ދަރިފުޅު ޖިއަނާ، ހަތް މީހުންނާއެކު ހެލިކޮޕްޓާގައި ދަތުރުކުރަނިކޮށް، އެ ހެލިކޮޕްޓާ ވެއްޓުމުން ވަނީ މަރުވެފަ އެވެ.