ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާޒީއަށް ގައުމު ގެންދަން ފުރުސަތެއް ނުދޭނަން: ރައީސް

ދިވެހިން މާޒީގައި ތަޖުރިބާކުރި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމުގެ ތެރެއަށް ދިވެހިން އަނބުރާ ގެންދިއުމަށް ސިޔާސީ ބަޔަކު މަސައްކަތް ކުރާ ކަމަށާއީ އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުން ދައްކަވަނީ މުޅިން ޒާތީ ވާހަކަ ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރައީސް މުހައްމަދު ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅަށް ކަމަށް އެ ވާހަކަ ގެންނެވި ގޮތުން ބެލެވެ އެވެ.

ކުދި ރަށްތަކެކޭ އެއްގޮތަށް އާބާދީ ބޮޑެތި ރަށްތައް ތަރައްގީކުރުމުގައި އިސްކަން ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވާތީ ރައީސް ވަނީ އެ ވާހަކަފުޅަށް ވެސް ރައްދުދެއްވާފަ އެވެ. ރައީސް ވިދާޅުވީ އާބާދީ ބޮޑު ނަމަވެސް އަދި ކުޑަ ނަމަވެސް ކޮންމެ ރަށެއްގައި ވެސް ތިބީ ދިވެހި ރައްޔިތުން ކަމަށާއި ރައްޔިތަކަށް ވީތީ ދޭންޖެހޭ ހައްގުތައް އާބާދީއަށް ބަލައިގެން ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިރާއްޖެ ކުރިނާރާ މިއޮތީ އެހެންވެ. މިއަދުވެސް އެ ދައްކަނީ އެވާހަކަ. އެ ސިޔާސަތުގެ ވާހަކަ އެ ދައްކަވަނީ،" ޑރ. މުއިއްޒަށް ރައްދެއްވަމުން ރައީސް ވިދާޅުވި އެވެ.

އެމްއެންޕީގެ ވެރިކަމެއްގައި ރަހުނަކާ ނުލައި ބައެއް ކަހަލަ ލޯންތައް ދޫކުރާނެ ކަމަށް އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ މިހާރުވެސް އެގޮތަށް ލޯން ދޫކުރާ ކަަމަށެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ ރިޔާސީ ބައެއް ކެންޑިޑޭޓުންގެ އޮތީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނުރައްކަލުގެ ތެރެއަށް ރައްޔިތުން ގެންގޮސް ގަދަ ބާރުން ވެރިކަން ކުރުން ކަމަށެވެ

"ސިޔާސީ ވާހަކަދައްކަަވާ. އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭނެ. ދެންވެސް އަޅުގަނޑުމެން ތަންފީޒު ކުރާނީ މިހާރުގެ ސިޔާސަތު. ވަކި ރަށެއް ތަފާތު ނުކުރުން. ނޫސްވެރިންނަށް މިނިވަންކަން ދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ 20 އަހަރު ކުރިން 2003 ވަނަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ބަޔަކު ޖުމްހޫރީ މައިދާނަށް ނިކުތުމުން ކުރިމަތިވި އަނިޔާވެރިކަމުގެ ހަނދާންތައް ވެސް ރައީސް މިރޭ ވަނީ އާކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ މާޒީއަށް ބަލާއިރު މިދުވަހުގެ މިވަގުތުގައި އިސްލާހަށް މަސައްކަތް ކުރި އެތައް ބަޔަކު ތިބީ ޖުމްހޫރީ މައިދާނުގައި ކަމަށެވެ. އެކަމަކު ޑިމޮކްރަސީގެ އެތައް ކަމެއް ކަނޑައްތު ކުރުމަށްފަހު އަޅުގަނޑުމެން މިއަދު ހަމަޖެހުމުގެ ތެރެއަށް އައިސްފައިވާތީ އަނބުރާ ދެން މާޒީއަށް ދާން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދެން އެ ދުވަހަށް އަނބުރާ ދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެ ފުރުސަތެއް ނުވެސް ދޭނަން. މިއަދު މިއީ ހަމަ ނޭވާލާންވީ ދުވަސް. ހަލަބޮލިކަމާއި ހަމަޖެހުމުން މިންޖުވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމު ހަމައަކަށް އެޅުވުމުގެ ބޮޑު ޒިންމާ އޮތީ ސިޔާސީ ލީޑަރުންގެ އިސްތަށިފުޅުގައި ކަމަށެވެ. އެކަމަކު އަދިވެސް ބައެއް ބޭފުޅުން އުޅުއްވަނީ މާޒީން އަރައިނުގަނެވި 1932 ވަނަ އަހަރުގައި ކަމުގައިވެސް ވިދާޅުވި އެވެ. ގައުމުގެ ތަރައްގީގައި ސިޔާސީ ޕާޓީތަކުން އެކައްޗެއް ކިޔަންޖެހޭ ކަމަށާއި އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ހަމައެކަނި ސަބަބަކީ ވެރިކަމުގެ މިދައުރުގައި ފެއްޓެވި މަސައްކަތްތައް ނިންމާލުން ކަމަށެވެ.

"އަޅުގަނޑު އަރަންޖެހޭ އުސްހަރުފަތެއް ދެން ނެތް. އަޅުގަނޑުގެ ހަމައެކަނި ބޭނުމީ މިފެށި މަސައްކަތް ނިންމުން. ކުރިއަށް އޮތް ފަސް އަހަރު އެކަން ނިންމަ ދޭނަން،" ރައީސް ވިދާޅުވި އެވެ.