ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ޕީޕީއެމް އޮތީ މަގުމަތިވެފައި: ރައީސް ވަހީދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް އެ ޕާޓީން ނެރެފައި ނުވާތީ ޕީޕީއެމް އޮތީ މަގުވެފައި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު އެ ޕާޓީގެ ޕޯޑިއަމްގައި މިރޭ ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްއަށް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެވިފައި ނުވަނީ އެ ޕާޓީގައި އެތެރޭގެ ޑިމޮކްރަސީ ނެތީމާ ކަމަށެވެ.

"ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގައި ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލަ ވެސް ނިޝާން ވެސް ނެތް،" ޕީޕީއެމް އަށް ފާޑުކިޔަމުން ރައީސް ވަހީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ މިއަދު މިއޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންގޮސް ގައުމު ސަލާމަތްކުރެވޭނެ އެންމެ ރަނގަޅު ބޭފުޅަކީ ގާސިމް ކަމަށެވެ.

"އަޅުގަނޑު މިއަދު ވަރަށް އުފާކުރަން ގާސިމް ވެރިކަމަށް ކުރިމަތިލެއްވުމުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ލަސްވެސްވެއްޖެ ގާސިމް ވެރިކަމަށް އަންނަން،" ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމަށް ހިދުމަތް ކުރެއްވުމަށް މިއަދު ހުންނެވުނީ އެންމެ ރަނގަޅު ތަނުގައި ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންވެސް ގާސިމަށް ތާއީދުކުރެއްވުމަށް ރައީސް ވަހީދު އެދިވަޑައިގެންނެވި އެވެ.

"ބައެއް ބޭފުޅުން މިއަދު ހިތްޕުޅަށް އަރައިވަޑައިގެންފާނެ މިއަދު އަޅުގަނޑު މިހުރީ ކޮންތާކުތޯ. އަޅުގަނޑު މިހުރީ އަޅުގަނޑުގެ ރަހްމަތްތެރިއެއް ކައިރީގަ. މިއަދު ވަރަށް ހތްހަމަޖެހޭ އެމަނިކުފާނުގެ އަރިހުގައި ހުރެގެން އެމަނިކުފާނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.