ޑރ. މުހައްމަދު މުއިއްޒު

ނަޝީދުގެ ބޮޑެތި ތުހުމަތުތަކެއް މުއިއްޒަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ގއ. ކޮލަމާފުށީގައި މިއަދު ބޭއްވި ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ދިވެހިންނަށް ދިވެހިރާއްޖެ ގެއްލޭ މިންވަރަށް ރާއްޖޭގެ ކަންކަން ހައްދުފަހަނައަޅާ ދާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއްގައި ކަމެއް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މުއިއްޒު މިހާރު ކޮންމެ ވާހަކަފުޅެއް ދެއްކެވި ނަމަވެސް ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން އެއްފަރާތްކޮށް އެކަހެރިކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ ކަމެއްގައި ރައީސް ޔާމީނަށް ހިޔާލެއް ދެއްވަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީންގެ ފުރާފުޅަށް ނުރައްކާވާ ވަރަށްވެސް ކަންކަން ކުރައްވަފާނެ އެވެ.

"އެންމެ ފަހުން އައިސް މަރުގެ ތުންފަތް މައްޗަށް އަންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މުއިއްޒުގެ ސަބަބުން މުޅި ރާއްޖެއަށް ގެއްލުންވާނެ އެވެ. އެހެންކަމުން ނަޝީދު އެދިވަޑައިގަތީ ޕީޕީއެމްގެ މެންބަރުން އެކަމަށް ވިސްނުމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓު ދެއްވުމަށެވެ.

ރައީސް ނަޝީދު ކެމްޕޭންގައި ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މި ދެ ދުވަހަކު ގެންދަވަނީ ޕީޕީއެމް އާއި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ހެޔޮއެދިވަޑައިގެން ވާހަކަދައްކަވަމުންނެވެ. ނަމަވެސް ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ނަޝީދުގެ މައިގަނޑު ބޭނުމަކީ ޕީޕީއެމް ބައިބައިިކޮށްލުން ކަމަށެވެ.