ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ 11 އަހަރުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށެއް ނުދިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ގޮތަށް ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްވީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށެވެ.

މިހުކުމް ހައިކޯޓުގައި ރައީސް ޔާމީން އިސްތިއުނާފް ކުރެއްވިއިރު ސިޓީއަކުން ހުކުމް ތަންފީޒުކޮށްދިނުން ފަސްކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އޭރު އެކަމަށް އެދިވަޑައިގަތީ އެކަން ކުރަން އޮންނަ އުސޫލަކުން ނޫނެވެ. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ރައީސް ޔާމީން ފަހުން އެދިވަޑައިގަތީ މިމަހުގެ ހަވަނަ ދުވަހުގެ ރޭގެ ވަގުތެއް ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދަށުން ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދިވަޑައިގެންނެވިއިރު ދަށު ކޯޓުގެ ހުކުމާ އެކު އިއްވާފައިވާ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް ހައިކޯޓުގައި އެދިވަޑައިގެންނެވި އެވެ. ހައިކޯޓުން މިއަދު ވަނީ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެފަ އެވެ.

ހުކުމް ފަސްކުރުމުގެ އަމުރަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ ޖިނާއީ ބައެއް މައްސަަލަތަކުގައި ދަށުން ކޯޓުން އިއްވާފައިވާ ބައެއް ހުކުމްތައް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުންނާއި އަދި ސުޕްރީމް ކޯޓުން މީގެކުރިން އަމުރުކޮށްފައިވާ ކަމަށް ބުނެ އެކަމަށް ރިއާޔަތްކޮށްގެންނެވެ.

އެކަމަކު ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުއްވި އަމުރުގައި ބުނެފައިވަނީ ޔާމީންގެ މައްޗަށް ދަށުން އިއްވާފައިވާ ހުކުމް ތަންފީޒުކުރަންޖެހޭ ސަބަބެއް ނުވަތަ އެ ހުކުމާ ދުރަށް ދާންޖެހޭ ފަދަ ގާނޫނީ އުސޫލެއް ޔާމީންގެ ފަރާތުން ޝާރީއަތަށް ސާބިތުކޮށްދެވިފައި ނެތް ކަމަށެވެ.

މީގެއިތުރުން ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރެވޭނެ އުސޫލެއް ނެތި އެކަންކޮށްފިނަމަ އެއީ ގާނޫނު ނުދަންނަ ކަމެއް ނިޒާމުގެ ތެރެއަށް ގެނެސް އިޖުރައާތު ނަހަމަ ގޮތުގައި ހިފަން ދެވޭ ފުރަސަތެއް ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ތެރެއިން މިފަދަ ހުކުމެއް ތަންފީޒުކުރުން ފަސްކުރެވެން ނޯންނާނެ ކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށްވެސް ހައިކޯޓުގެ އަމުރުގައިވެ އެވެ. އެހެންކަމުން މިހިނދު އޮތް ގޮތަކީ ހުކުމް ފަސް ކުރަން އަމުރެއް ނެރެވެން ނެތުން ކަމަށް އަމުރުގައިވެ އެވެ.