ފިނިޕޭޖް

ޑީސީގެ "ބްލޫ ބީޓްލް" މިމަހު 18ގައި ނެރެނީ

ޑީސީ ސްޓޫޑިއޯސްގެ އާ ސުޕަހީރޯ ފިލްމް "ބްލޫ ބީޓްލް" މިމަހު 18 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެ އެވެ.

އަންހެލް މެނުއަލް ސޯޓޯ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކޮލެޖް ގްރެޖުއޭޓް ހައިމީ ރޭޒްއަށް އޭލިއަން ސްކެރަބް/ބީޓްލް އެއް ފެނި، އޭގެ ސަބަބުން ސުޕަޕަވާ ހުންނަ އާމާއެއް ލިބެ އެވެ.

މި ފިލްމުގައި ހައިމީގެ ރޯލް އަދާކުރަނީ "ކޯބްރާ ކައި"ގެ ޝޯލޯ މެރިދުއާންޔާ އެވެ. މީގެ އިތުރުން މި ފިލްމުގައި އެޑްރިއާނާ ބަރަޒާ، ސޫޒަން ސެރެންޑަން، ޖޯޖް ލޮޕޭޒް، ޑޭމިއަން އަލްކަޒާރް، ރައޫލް މެކްސް ތްރުހިލޯ އާއި ބްރޫނާ މާކެޒިން ހިމެނެ އެވެ.

މި ފިލްމަކީ ޑީސީގެ ފުރަތަމަ ލެޓީނޯ ސުޕަހީރޯ އަދި ޑީސީ އެކްސްޓެންޑަޑް ޔުނިވާސްގެ 14 ވަނަ ފިލްމެވެ.

"ބްލޫ ބީޓްލް"ގެ ފަސްޓް ލުކް ފެނިފައިވާ އިންފްލުއެންސަރުން ދަނީ ސޯޝަލް މީޑިއާގައި މި ފިލްމަކީ ތަފާތު ފިލްމެއް ކަމަށް ބުނަމުންނެވެ. އަދި މި ފިލްމުގައި ލެޓީނޯ ސަގާފަތަށާއި އާއިލާއަށް އިސްކަންދީފައިވާ ކަމަށާއި އެކްޝަން ސިކުއެންސްތަކުގެ އިތުރުން ފިލްމުގައި ވަރަށް ހެއްވާ މަޖާ ކަންތައްތައް ހިނގާ ކަމަށް ބުނެ ތައުރީފްވެސް ކޮށްފައިވެ އެެވެ. އެހެންނަމަވެސް މި ފިލްމަކީ، ފިލްމު އުފެއްދި ޓީމުން ބުނާހާ މޮޅު އަދި ރީތި ފިލްމެއްތޯ އެނގޭނީ ކްރިޓީކުންނާއި އާންމު ބެލުންތެރިން ފިލްމު ބަލަން ފެށުމުން ކަމަށްވެސް ބައެއް އިންފްލުއެންސަރުން ބުނެ އެވެ.

ޑީސީގެ "ބްލެކް އެޑަމް"، "ޝެޒާމް: ފިއުރީ އޮފް ދަ ގޯޑްސް" އަދި ހާއްސަކޮށް "ދަ ފްލޭޝް" ވަނީ ބޮކްސް އޮފީހުގައި ފްލޮޕަކަށް ވެފަ އެވެ. އެހެންކަމުން ޑީސީގެ އުއްމީދަކީ އެ ސްޓޫޑިއޯގެ ސުޕަހީރޯ ފިލްމްތަކަށް ލިބުނު ފިނި ތަރުހީބުގެ ބަދަލުގައި މިމަހު ނެރޭ ފިލްމަށް ބޮޑު ތަރުހީބެއް ލިބުމެވެ.