ޒުވާނުންނަކީ ގަދަރުވެރި ފަހުރުވެރި ބަޔަކަށް ހަދައި އެއްވެސް ޒުވާނަކު ބާކީނުވާނެ ގޮތްތަކެއް ހިމެނޭ އެމްޑީޕީގެ ޒުވާނުންގެ ސިޔާސަތު ހާމަކޮށްފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ހިމެނޭ ޒުވާނުންގެ ސިޔާސަތު "އާ ޒުވާނުންގެ ޖީލު" ސިޔާސަތު މިރޭ ހާމަކުރަނީ ނ. ވެލިދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގަ އެވެ.
ޒުވާނުންގެ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޒުވާނުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަމެއް ހޯދައިދީގެން ޒުވާނުންނަށް ހުރި ފުރުސަތުތައް އިތުރުކުރުމަށެވެ. އެގޮތުން ޒުވާނުންނަށް ލިބޭ ގޯތިތައް އިމާރާތް ކުރަން ހަ ޕަސަންޓްގެ އިންޓަރެސްޓްގައި ލޯން ދިނުމާއި، މަތީ ތައުލީމަށް ކިޔަވާ ޒުވާނުންނަށް ހެޔޮ އަގުގައި ތިބެވޭނެ ކޯ ލިވިން ސްޕޭސް ތަކެއް ހެދުންވެސް ހިމެނެ އެވެ.
ޒުވާނުންގެ ސިޔާސަތުގައި ދެނަ އަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކުޅިވަރުގެ ދާއިރާގައި ފުރުސަތުތައް އިތުރުކޮށްދިނުމަށެވެ. އެގޮތުން ރާއްޖޭގައި އެހާ ބޮޑަށް އަދި ފުޅާކޮށްފައި ނެތް ބައެއް ކުޅިވަރުތައް ކަމަށް އީ ސްޕޯޓިން އާއި މާޝަލް އާޓްސް ފަދަ ކުޅިވަރުތަކާއި މޫދު ކުޅިވަރުތަކާއި ބީޗު ކުޅިވަރުތަކުގައި ޒުވާނުންނަށް ފުރުސަތުތައް އިތުރުކުރުމަށް ހިމަނާފައިވެ އެވެ. އަދި ކޮންމެ ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށްވެސް ސިޔާސަތުގައިވެ އެވެ.
ވިޔަފާރީގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ކަމާ ގުޅޭ ހަބްތަކެއް ގާއިމުކޮށް ވިޔަފާރި ފެށުމަށާއި ކުދި ވިޔަފާރިތައް ފުޅާކުރުމަށް ލުއި ލޯން ދިނުމަށްވެސް ހިމަނާފައިވެ އެވެ.
ޒުވާނުންގެ ސިޔާސަތު ހުށަހެޅި ޒުވާނުން ބުނީ މި ސިޔާސަތު އެކުލަވާލީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޒުވާނުންނާ ވާހަކަދައްކާ ހިޔާލު ހޯދުމަށްފަހު ކަމަށެވެ. ޒުވާނުން ބޭނުންވާ ކަންކަން ކޮށްދެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށްވެސް ސިޔާސަތު ހުށަހަޅައިދިން ޒުވާނުން ބުނެފައިވެ އެވެ.