ދުނިޔެ

ނައިޖަރުގައި ވެރިކަމުން ދުރުކުރި ބަޒޫމަށް ދައުވާކުރަނީ

ނައިޖަރުގައި އަސްކަރީ ބަޣާވާތަކުން ވެރިކަމުން ދުރުކޮށްފައި ހުރި މުޙައްމަދު ބަޒޫމް ގައުމަށް ޣައްދާރުވުމުގެ ކުށުގައި ދައުވާކުރާނެ ކަމަށް ވެރިކަމަށް އަރާ ތިބި ބާޣީ ޖެނެރަލުންގެ ވެރިން ބުނެފި އެވެ.

އޭނާގެ މައްޗަށް އުފުލާ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށްވެސް ޖެނެރަލުން ބުނެ އެވެ.

އަސްކަރީ ޖެނެރަލުންނާއި ރިޔާސީ ގާޑުން ގުޅިގެން އުފައްދާފައި އޮތް ވެރިކަމުގެ ފަރާތުން ކާނަލް މޭޖާ އަމަދޫ އަބްދުއްރަހްމާން ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި، ވެރިކަމުގައި ހުންނަވައިގެން ބަޒޫމް ވަނީ ބޭރު ގައުމުތަކަށް ގައުމު ވިއްކާލާފައި ކަމަށެވެ.

އަމަދޫ އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ނައިޖަރުގެ ބިން ބޭނުންހާ ގޮތެއް ހަދަން ބޭރު ބަޔަކަށް ދޫކޮށްލުމަކީ ކުށެކެވެ. އަދި ހުޅަނގާ ގުޅިގެން، އެ މީހުން ބުނާހާ ގޮތަކަށް ގައުމު ހިންގަން މަސައްކަތް ކުރެއްވުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ނައިޖަރަށް ޖުލައި 26 ގެނައި އަސްކަރީ ބަޣާވާތަށްފަހު ރައީސް މުހައްމަދު ބަޒޫމް އާއި އަނބިކަނބަލުން އަދި ދަރިކަލުން ތިއްބަވަނީ ރިޔާސީ ގަނޑުވަރުގަ އެވެ. އެހެން ނަމަވެސް، އޭނާއަށް ވެރިރަށް ނިއާމޭގެ މަގުތަކަށް ނުކުމެވޭނެ ކަމަށް ޖެނެރަލުން އޮތީ ބުނެފަ އެވެ.

ބޭރު ދުނިޔެއާ މުއާމަލާތްކުރުމާއި މަޝްވަރާކުރެއްވުމަށް ގަނޑުވަރަށް ވަޑައިގަންނަވާ މެހްމާނުންނަށް އަދި ބަޒޫމްގެ ޑޮކްޓަރުންނަށް ވެސް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް ސިފައިން ވަނީ ބުނެފަ އެވެ.

ހަބަރުތައް ބުނާ ގޮތުން ބަޒޫމްގެ ޑޮކްޓަރުން މިދާކަށް ދުވަހު އޭނާއަށް ޒިޔާރަތްކުރެއްވި އެވެ. އަދި ބަޒޫމް އާއި އާއިލާގެ ސިއްހަތު މުޅިން ރަނގަޅު ކަމަށްވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ނަމަވެސް، ބަޒޫމްއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން އޭނާ ހުންނެވީ އަސީރުކޮށްފަ އެވެ. ގަނޑުވަރުން ހުރީ ކަރަންޓް ކަނޑާލާފަ އެވެ. ރަނގަޅު ކާނާއެއް ވެސް ލިބިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ. ހުރިހާ އިރަކަށް ހުންނަނީ ބަތާއި ޕާސްޓާ ކަމަށް އޭނާ ވިދާޅުވި ކަމަށް ހަބަރުތައް ބުނެ އެވެ.