ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުން ވޯޓު ދޭންވީ ކެންޑިޑޭޓް އެ މެންބަރުންނަށް އެނގޭނެ ކަމަށާއި އެހެން މީހުން އެކަން ކިޔައިދޭން ނުޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިހަވަންދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ރައީސް ޑރ. މުހައްމަދު ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
އަބްދުއްރަހީމް ވަނީ ފާޑުކިޔުންތަކަށް ޑރ. މުއިއްޒު ރައްދު ނުދެއްވި ނަމަވެސް މުއިއްޒާއި ޕީޕީއެމް ޕީއެންސީއަށް އަންނަ ފާޑުކިޔުންތަކަށް އޭނާ ވަރުގަދައަށް ރައްދުދެއްވާނެ ކަމަށެވެ.
ޕީޕީއެމްގެ މެންބަރުން ވޯޓުލާންވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީ މެންބަރުން ވޯޓު ދޭންވީ ކެންޑިޑޭޓް އެ މީހުންނަށް އެނގޭ ކަމަށާއި އެއީ ޑރ. މުއިއްޒު ކަމަށެވެ.
"އެހެން ޕާޓީތަކުގެ ބޭފުޅުން އެ މީހުން ވޯޓު ދޭންވީ މީހެއް ކިޔައިދޭކަށް ނުޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ލީޑަޝިޕުން އެ ޕާޓީގެ އާންމު މެންބަރުންނަށް ރިޔާސީ ކެންޑިޑޭޓަކު ދައްކާފައި ނުވާތީ ޕީޕީއެމް މަގުމަތިވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅަށް ވެސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ވަހީދު ޕީޕީއެމް ދޫކުރައްވާ ވަޑައިގަތީ އަމިއްލަ އެދުމަށްޓަކައި ކުރަން ބޭނުންވި ކަމެއް ހާސިލް ނުވުމުންނެވެ. އަބްދުއްރަހީމް އެ އިޝާރާތް ކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވަހީދު މަސައްކަތް ކުރެއްވި ކަމަށް ބުނާ ވާހަކަތަކަށެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުށުގެ ރެކޯޑް ވަހީދު ސާފުކުރެއްވި ކަމަށްވެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގައި އަމިއްލަ އެދުމަށް ކަމެއް ހާސިލް ނުވީމާ ނިކުމެގެން ދާނެ މީހުން ނުތިބޭނެ ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު ޕީޕީއެމް ޕީއެންސީގެ މެންބަރުން އެކަން ޔަގީންކޮށްދީފި ކަމަށް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަގުމަތިވީ އަމިއްލަ އެދުމަށް ހާސިލްކުރަން ބޭނުންވި ކަންކަން ޕީޕީއެމް ޕީއެންސީގެ ތެރެއިން ހާސިލް ނުވީމާ ނިކުމެގެން ދިޔަ މީހުންނެވެ.
"ތިމާގެ އަމިއްލަ އެދުމެއް ހާސިލް ނުވީމާ ނުކުމެގެން ގޮސް އަޅުގަނޑުމެންނަށް ފާޑު ކިޔާނެ ކަމެއް ނެތް،" ވަހީދަށް އަމާޒު ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބިވަޑައިގެންނެވި ބޭފުޅުން އެ އަނިޔާގެ ވާހަކަދައްކަވާތީ އެކަމަށްވެސް އަބްދުއްރަހީމް ރައްދުދެއްވި އެވެ. އަދި މަލާމާތުގެ ބަސްތައް ބައެއް އަމާޒުކުރެއްވި އެެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ އޭރު ޖަލަށް ލެވުނު ބޭފުޅުން ޖަލުގައި ތިއްބަވަން ބޭނުން ނުވާތީ އުޅުނީ ކޮންމެވެސް ބައްޔެއް ކުރިމަތިވެ ގައުމުން ބޭރުގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފުރުސަތު ލިބި އެމަނިކުފާނު އޮތީ ރައްޔިތުންނަށްޓަކައި ޖަލުގައި ކަމަށްވެސް ވިދާޅުވި އެވެ.