ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން ކެމްޕޭން ކުރުމަށް ދައުލަތުގެ މުދާ ބޭނުންނުކުރުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން -- އޭސީސީ އިން އިލްތިމާސްކޮށްފި އެވެ.
އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ދައުލަތުގެ މުދާ ބޭނުން ކުރުން ހުއްދަވާ ހާލަތްތައް ގާނޫނުގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ އެވެ. އެހެންވެ ގާނޫނާ ހިލާފަށް ކެމްޕޭން ކުރަން ދައުލަތުގެ މުދަލެއް ބޭނުންކުރުމަކީ އެއްވެސް ހާލެއްގައި ހުއްދަ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
އޭސީސީ އިން ބުނީ ކެމްޕޭން ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށާއި ކެމްޕޭން ހަރަކާތްތައް ހިންގާ ތަންތަނުގައި އެ ހަރަކާތްތައް ހިންގަން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނާއި ގަވައިދާ ހިލާފަށް ދައުލަތުގެ މުދާ ބޭނުންކޮށް ކެމްޕޭން ހަރަކާތް ހިންގުމުގެ ހުއްދަ ނުދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ދައުލަތުގެ އިދާރަތަަކަށް އިލްތިމާސްކޮށްފަ އެވެ.
ކޮމިޝަނުން ބުނީ އެ ތަނުން އަންގާފައިވާ ގޮތަށް ކެމްޕޭނާ ގުޅޭ ކަންތައްތައް ހިންގަމުންދޭތޯ ބަލަމުންދާނެ ކަމަށެވެ. އަދި އާންމުންގެ ފަރާތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ގާތުން ބަލަމުންދާނެ ކަމަށްވެސް ބުންޏެވެ.
ގާނޫނު ހުއްދަކުރާ ގޮތާ ހިލާފަށް ކެމްޕޭން ކުރުމުގައި ދައުލަތުގެ މުދާ ބޭނުންކޮށްފި ހާލަތެއްގައި ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އޭސީސީ އިން ދީފައިވެ އެވެ.