ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އަދި ޖަޕާނުގެ އެއްނަންބަރު ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓާ، އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ތައާރަފްކޮށްފި އެވެ.
ކްރޮސް ރޯޑްސްގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް އަހްމަދު އާދިލް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދު އަދި ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގެންނެވި އެވެ.
ނިހޯން ކޯޑެން މި ވަސީލަތްތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން ހޮސްޕިޓްލުގެ ކޮންމެ ޑިޕާޓްމެންޓެއްގައިވެސް ބޭނުންކުރެވޭ އިކުއިޕްމެންޓްތަކެކެވެ.
ރާއްޖެއަށް އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން އެސްޓީއޯ އިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް މިއަދުން ފެށިގެން މިމަހުގެ 16 އަށް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.
މި ތަމްރީނުގެ ތެރެއިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓާގެ ފީޗަރސްތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލި މީހުންނަށް މި ވަސީލަތްތައް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެެވެ.