އިލެކްޝަންސް ކޮމިޝަން

ވޯޓު ކަރުދާހުގެ ޑިޒައިން ދެ ދުވަސް ތެރޭގައި ނިމޭނެ: ހަބީބް

Aug 14, 2023

ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓް ކަރުދާހުގެ ޑިޒައިންގެ މަސައްކަތް ދެ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ މިފަހަރުވެސް ވޯޓް ކަރުދާސް ހަދާނީ ހާއްސަ ސެކިއުރިޓީ ފީޗާސްތަކެއް ހިމަނައިގެން ކަމަށެވެ. ވޯޓްލާ މަރުކަޒުގައި ތިބޭ ވެރިންނަން ސެކިއުރިޓީ ފީޗާސްއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ތަފާތު ސަބަބުތަކަށްޓަކައި ވޯޓު ކަރުދާހުގައި ހުންނަ ސެކިއުރިޓީ ފީޗާގެ މައުލޫމާތަކީ އާންމުކޮށް އެންމެންނަށް ބުނެދެވޭނެ އެއްޗެއް ނޫން. މިމައުލޫމާތު ހާމަކުރަންޖެހޭ ތަނެއްގައި ހާމަކުރަންޖެހޭ މިންވަރަށް ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއާ ނުލައި މިފަހަރުގެ އިންތިހާބުގައި މުޅިން އަލަށް ވޯޓު ލެވޭނެ ކަމަށެވެ. އެހެންކަމުން އެމީހުންނަށް ހާއްސަކޮށްގެން ވޯޓު ކަރުދާސް ހެދުމަކީ ކޮމިޝަނުންވެސް އަލަށް ކުރާ ކަމަކަށްވާތީ ގޮންޖެހުން އޮތް ކަމެއް ކަމަށެވެ. އަދި ލޯފަން މީހުންގެ ވޯޓު ކަރުދާހާ ގުޅިގެން ހޭލުންތެރިކުރަންޖެހޭ މީހުންނަށް ހާއްސަކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ވޯޓު ކަރުދާހުގެ ޑިޒައިން މަަސައްކަތް ނިމުނުހާ އަވަހަށް ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އިންތިހާބަށް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ވޯޓު ކަރުދާސް ޕްރިންޓްކޮށް ނިމުމާ އެކު އިންތިހާބަށް ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް އެވަނީ ނިމިފައި ކަމަށްވެސް ވިދާޅުވި އެވެ.

އިންތިހާބަށް އަދިވެސް އޮފިޝަލުން ލިބުމުގައި ދަތިތަކެއް ހުރިކަން ވެސް ހަބީބް ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރު ވަނީ ބެކަޕް އޮފިޝަލުންގެ ގޮތުގައި ނަގަންޖެހޭ 200 އެއްހާ މީހުން ކަމަށާއި ވޯޓުލާންވާއިރު އެ އަދަދަށް ވެސް މީހުން ހޯދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ފަހުގެ މަސައްކަތައް މިހާރު ކުރަމުންދާ މަސައްކަތަކީ ވޯޓްކަރުދާސް ޗާޕްކުރުން އެހެން ހުރިހާ އެއްޗެއް ޕެކް ކޮށް ނިމިފަހުރީ ވޯޓްކަރުދާސް ނިމުނީމަ ހުރިހާ ކަމެއް ނިމުނީ، އިލެކްޝަން ކޮމިޓީގެ މެންބާ އާތިފް ވިދާޅު ވިއެވެ. ޓްރޭނަރުން ފުރަންވާއިރަށް ހުރިހާކަމެއް ނިންމާފަ އެމީހުންނާއެކު އަތޮލުތަކަށް ފުނުވާލާނަން، އާތިފް ވިދާޅުވި އެވެ.