ދުނިޔެ

ޗައިނާގެ ދިފާއީ ވަޒީރު ރަޝިއާ އާއި ބެލަރޫސްއަށް

ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ ރަޝިއާ އަށާއި ބެލަރޫސްއަށް ވަޑައިގަންނަވަނީ އެވެ. އޭނާގެ ވުޒާރާއިން މި ދަތުރާ ބެހޭ ގޮތުން މާބޮޑު ތަފުސީލެއް ނުދެ އެވެ.

ނަމަވެސް، މޮސްކޯގައި އަންގާރަ ދުވަހު އޮންނަ މޮސްކޯ ކޮންފަރެންސް އިންޓަނޭޝަންލް ސެކިއުރިޓީގެ ސެޝަންތަކުގައި އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޗައިނާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.

ލީ ޝަންގްފޫގެ މި ދަތުރުގައި ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރުއާ ބައްދަލުކުރައްވާނެ އެވެ. އަދި އަސްކަރިއްޔާގެ މަތީ ހަރުފަތުގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

ޗައިނާގެ ދިފާއީ ވަޒީރު ރަޝިއާއަށްފަހު ދެން ވަޑައިގަންނަވާނީ ބެލަރޫސް އަށެވެ. އެއީ އެ ގައުމުގެ ދިފާއީ ވަޒީރު، ވިކްތަރު ކްރެނިން ދެއްވި ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ޗައިނާގެ ދިފާއީ ވަޒީރު މި ފަހުން ރަޝިއާއަށް ދޭތެރެ އަވަސްކޮށް ދަތުރުކުރައްވާ ކަމަށް ބެލެވެ އެވެ. ދަތުރުތަކުގެ މާބޮޑު ތަފުސީލެއް ހަބަރުތަކަށް ނޭރި ނަމަވެސް، ދުނިޔޭގެ ދިފާއީ ސިޔާސަތު ރާވާނެ ގޮތްތަކާ ބެހޭ ގޮތުން ރަޝިއާގެ ވެރިންނާ އެކު މަޝްވަރާ ކުރައްވާނެ އެވެ.

ރަޝިއާ އާއި ޗައިނާގެ ހަރަކާތްތަކަށް އެސްފިޔަ ޖަހާނުލައި ބަލަހައްޓައިގެން އޮތް ހުޅަނގަށް މި ދަތުރު ވާނީ، ކީއްކުރަން ކުރާ ދަތުރެއް ބާއޭ ބުނެވޭ ކަހަލަ ދަތުރަކަށެވެ.

ޗައިނާއާ ރަޝިއާ އެކުވެ އަސްކަރީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ޕްރޮޖެކްޓްތައް ރާވައި ހިންގަމުން ދާއިރު މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އެމެރިކާއަށް މައުލޫމާތެއް ނުދެ އެވެ.

އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ބައިނަލްއަގްވާމީ މާލީ މުއާމަލާތްތަކުގައި ބޭނުންކުރުމަށް ވަކި ފައިސާއެއް ކަނޑައެޅުމުގައިވެސް ރަޝިއާ އާއި ޗައިނާގެ ދައުރު ބޮޑެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ދިފާއީ ވަޒީރަކު ރަޝިއާއަށް ވަޑައިގަތް ނަަމަވެސް، ރަޝިއާގެ ވެރިންނާ އެކު މުޅިން ދައްކަވާނީ ހަތިޔާރާ ގުޅުން ހުރި ވާހަކަތައް ނޫނެވެ.

ދެ ގައުމުގެ އިގުތިސާދާ ބެހޭ ގޮތުން ދެ ސަރުކާރުގެ ދެމެދުގައި ބަދަލުކުރެވޭ ކަރުދާސްތައް ބަދަލުކުރުން ވެސް އޮންނާނެ އެވެ.