ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ މިދާކަށް ދުވަހު ބެލަރޫސްއަށް ވަޑައިގެންނެވި އެވެ. މި ދަތުރާ ބެހޭ މާބޮޑު ތަފުސީލެއް، ޗައިނާގެ ދިފާއީ ވުޒާރާއިން އަދި ޚާރިޖީ ވުޒާރައިން ވެސް ދީފައެއް ނުވެ އެވެ.
ލީ ޝަންގްފޫގެ ދަތުރަކީ ބެލަރޫސްގެ ދިފާއީ ވަޒީރު ވިކްތަރު ޚްރެނިން ދެއްވި ދައުވަތަށް ކުރެއްވި ދަތުރެއް ކަމަށް ޚާރޖީ ވުޒާރާގެ ތަރުޖަމާން އޮތީ ވިދާޅުވެފަ އެވެ.
ރަޝިއާގައި އޮތް މޮސްކޯ ކޮންފަރެންސް އޮން އިންޓަނޭޝަނަލް ސެކިޔުރިޓީގައި ބައިވެރިވެ ވަޑައިގަތުމަށް ލީ ޝަންގްފޫ ފުރަމަ ވަޑައިގަތީ މޮސްކޯއަށެވެ. އެއަށް ފަހު ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރުއާ ވެސް ޗައިނާގެ ދިފާއީ ވަޒީރު ބައްދަލުކުރެއްވި އެވެ.
ބެލަރޫސްގެ ދިވާއީ ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާއާ އެކު ސިޔާސީ ގުޅުން 31 އަށް ދެމެހެއްޓިއްޖެ އެވެ. ނަމަވެސް، މިއަދަށް ވުރެ ދެ ގައުމުގެ ގުޅުން ބަދަހި ޒަމާނެއް ތާރީޚުން ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ އާއި ބެލަރޫސް ވަރަށް ގިނަ ފިކުރުތަކުގައި އެއްގޮތް ކަމަށް ވެސް ދިފާއީ ވަޒީރު ވިކްތަރު ޚްރެނިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދުނިޔޭގެ ދިފާއީ މަޝްވަރާތަކުގައި ޗައިނާގެ ސަބަބުން ހިތްވަރު ލިބިވަޑައިގެންފި ކަމަށެވެ.
ބެލަރޫސްއަށް ޗައިނާ މުހިންމު ވަނީ -- ދިފާއީ ވަޒީރު ދިވާޅުވި ގޮތުގައި، ދުނިޔޭގައި ޗައިނާއަށް އޮތް ވަރުގަދަ ހައިސިއްޔަތާ ހެދި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާ އަކީ ބެލަރޫސްއަށް ހިމާޔަތެއް އަދި ނިވައިފަތްގަނޑެއް ކަމަށެވެ.
ޗައިނާއާ އެކު ވިޔަފާރި ތަރައްގީކުރުމާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގައި ބެލަރޫސް ދެމިއޮންނާނެ ކަމަށް ވެސް ވިކްތަރު ވިދާޅުވި އެވެ.
ބެލަރޫސްގެ އަސްކަރިއްޔާއަށް ޗައިނާގެ ފަރާތުން ތަޖުރިބާ އާއި އުކުޅުތައް ލިބޭނެ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ. ދެ ގައުމުގެ ދެމެދުގައި ސިއްރުތައް ބަދަލުކުރުމާއި ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް އެއްބަސް ވެވުމަކީ ވެސް ބެލަރޫސް އަށް ކުރިއަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގުން ޗައިނާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ޖެހިލުމެއް ނެތި ޗައިނާއަށް އެއްބާރުލުމުގައ ބެލަރޫސް ދެމިއޮންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ބެލަރޫސްއާ މެދު ޗައިނާގެ ވިސްނުމަކީ ވެސް މިއީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެލަރޫސްގެ ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިއާ އަދި ބެލަރޫސްއަށް އަސްކަރީ ގާބިލުކަމެއް -- ބެލަރޫސް ސަރަހައްދަށް މުހިންމު މަޝްރޫއެއް ފެށިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.